ޚަބަރު
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

ގަދަ ވަޔާއެކު ވިއްސާރަ ވެހުން---
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، މިއަދުގެ ފަތިހު 5:10އިން 11:00އާ ހަމައަށް، ޅ އަތޮޅުން ފެށިގެން ގދ އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެއެވެ.
މީގެ އިތުރުން މި ސަރަޙައްދުގައި ހިމެނޭ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް، މި ސަރަޙައްދުގެ ކަނޑުތައް ގަދަވާނެކަމަށް ވަނީ ހާމަކޮށްފައެވެ. އަދި ރާޅުގެ އުސްމިން ހުންނާނެކަމަށް އަންދާޒާކޮށްފައި ވަނީ 4 ފޫޓާއި 7 ފީޓާއި ދެމެދެވެ.
މުޅި ރާއްޖެއަށް ބަލާލާއިރު، މިއަދުގެ އިރުއޮށްސުމާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި ކަނޑުތައް އެންމެ ގަދަވާނީ ދެކުނުގެ އަތޮޅުތަކަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި، މި ހަފްތާގައި ރާއްޖޭގެ ހުރިހާ ސަރަޙަށްދަކަށް ވިއްސާރަކުރާނެއެވެ. އަދި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މާދަމާއިން ފެށިގެން ވައި އިތުރަށް ގަދަވާން ފަށާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.