ޚަބަރު
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަ އަހަރީ އެވޯޑު ޚަފްލާ ބާއްވައިފި

"މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސް" ޚަފްލާ / ފޮޓޯ: ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ

ފަރުދުން
12 އޮކްޓޯބަރު 2025، 07:13
12 އޮކްޓޯބަރު 2025، 07:13
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ބާއްވަމުން އަންނަ "މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސް" ޚަފްލާ އިއްޔެ ބާއްވައިފިއެވެ. މިއީ 2022ވަނަ އަހަރު ތަޢާރަފްކުރިފަހުން، މި އެވޯޑު ޚަފްލާ ބޭއްވި ތިންވަނަ އަހަރެވެ.
ފަތުރުވެރިކަމުގެ ތެރެއިން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، މުޖުތަމަޢު ބާރުވެރިކުރުވުމާއި، އަދި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ހިތއްވަރުދޭ މި އެވޯޑު ޚަފްލާގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ 8 ފެސިލިޓީއަކުން ޖުމްލަ 10 އެވޯޑު ވަނީމި އަހަރު ހާސިލްކޮށްފައެވެ.
މި ރަސްމިއްޔާތުގައި، ފަތުރުވެރިކަމާ ބެހޭ ވަޒީރުކަން ކުރިން ކުރައްވާފައިވާ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްމަރުޙޫމް ޙަސަން ޞާބިރު އާއި، މި ސިނާޢަތުގެ ރާއިދެއްކަމުގައިވާ ނިޝާން މުލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ، އަލްމަރުޙޫމް މުޙައްމަދު ޢުމަރު މަނިކުގެ ހަނދާނުގައި ސުކޫތެއް ގެނެސްފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވަނީ އެވޯޑު ހާސިލްކުރެއްވި ފަރާތްތަކަށް މަރުޙަބާ ދަންނަވައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރުވައި ތަރައްގީކުރުމަށް އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އަދި މި ކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަން އެ މަނިކުފާނު ވަނީ ޔަޤީންކޮށްދެއްވާފައެވެ.
މި އެވޯޑު ޚަފްލާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން، ކުރިއަށް އޮތް އަހަރުގައި އިތުރު އެވޯޑުތަކެއް ތަޢާރަފު ކުރައްވާނެކަމަށް ވެސް ވަޒީރު ވަނީ އިޢުލާނުކުރައްވާފައެވެ. މިގޮތުން، އަންހެނުން ބާރުވެރިކުރުވުމާއި، ރާއްޖޭގެ ސަގާފީ އަދި އަތްތެރި މަސައްކަތްތައް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް، އެވޯޑު ދޭނޭކަމަށް ވަޒީރު ދެންނެވިއެވެ. އަދި މީގެ އިތުރުން، ޕްރޮފެޝަނަލް ދާއިރާއިން ވަކިވަކި ފަރުދުން ހޯދާ ކާމިޔާބާއި ކުރައްވާ މަސައްކަތްތައް ފާހަގަކޮށް އެވޯޑު ދިނުމަށް ހަމަޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ތިންވަނަ އަހަރީ ފަތުރުވެރިކަމުގެ އެވޯޑަށް، ފަތުރުވެރިކަމުގެ ހިދުމަތްދޭ 43 ފެސިލިޓީއަކުން 19 އެވޯޑަށް ޖުމްލަ 84 އެޕްލިކޭޝަން ލިބުނުކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި މި އެވޯޑުތަކަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ވަޒަންކުރީ ފަތުރުވެރިކަމުގެ ދާއިރާތަކުން ތަޖުރިބާ ލިބިފައިވާ 3 މެމްބަރުގެ ޕެނަލްއަކުންނެވެ.
މި އަހަރުގެ އެވޯޑު ޚަފްލާއަކީ ބަލާފައި ވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2024 ވަނަ އަހަރުގެ މެއި މަހާ ހަމައަށް ހިންގާފައިވާ މަސައްކަތްތަކަށެވެ.