ޚަބަރު
އެމްޓީސީސީއިން ހިންގާ ޕްރޮޖެކްޓުތަކަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ބަލްކު ޝިޕްމެންޓު ރާއްޖެ ގެނަސްފި

އެމްޓީސީސީއިން ގެނައި ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓު: ފޮޓޯ: އެމްޓީސީސީ
މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއިން ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ބަލްކު ޝިޕްމެންޓު ރާއްޖެ ގެނަސްފިއެވެ.
މިކަމާ ގުޅިގެން އެމްޓީސީސީއިން ހާމަކޮށްފައިވާ ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން، ރަށްރަށުގެ ރަށްޔިތުން އެދޭ ތަރައްޤީގެ މަޝްރޫޢުތައް ނުހުއްޓި ކުރިޔަށް ގެންދިއުމަށް ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއްކަމުގައެވެ.
އެގޮތުން އެ ކުންފުނިން ގެނައި ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓު ރާއްޖެ ގެނަސްފައި މިވަނީ ހުކުރު ދުވަހުއެވެ.
އެމްޓީސީސީއިން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުންޏާއި ސަރުކާރުން ހަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ބޭނުމަށް، މި އަހަރު ނިމުމުގެ ކުރިން 2.5 މިލިއަން ޓަނުގެ ބޮޑު ހިލަ ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި މިއީ އެ ކުންފުންޏާ ހަވާލުކޮށްފައިވާ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ބޭނުންވާ ބޮޑު ހިލައިގެ ޖުމްލަ އަދަދުކަމަށް ވެސް އެ ކުންފުނިން ހާމަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އެމްޓީސީސީއަށް ހަވާލުކޮށްފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓް ރާއްޖެ ގެނެސްފި
— MTCC Plc (@MTCCPlc) October 11, 2025
ޕްރެސް ރިލީޒް:https://t.co/dmAZvQpqYG pic.twitter.com/nlWRv9CMBh
އެގޮތުން، ހުކުރު ދުވަހު ގެނަސްފައިވާ ޝިޕްމެންޓުގައި 56،450 ޓަނުގެ ބޮޑު ހިލަ ހިމެނޭއިރު، މި ޝިޕްމެންޓުން އެންމެ ފުރަތަމަ ހިލަ ފޯރުކޮށްދިނީ ބ. މާޅޮހު ބަނަދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަށެވެ.
1980ވަނަ އަހަރު އެމްޓީސީސީ އުފެދުނު ފަހުން، ފާއިތުވި 44 އަހަރު އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އެގޮތުން އެ ކުންފުނި ފާހަގަ ކުރެވެނީ ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިންމު އެއް ބައިވެރިޔާގެ ގޮތުގައެވެ.