ދުނިޔެ

ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ބޯޑަރުގައި ހަމަލާބަދަލުކުރުންތަކެއް

ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ބޯޑަރުގައި ހަމަލާބަދަލުކުރުންތަކެއް

އަފްޣާނިސްތާނާއި ޕާކިސްތާން ގުޅޭ ބޯޑަރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 އޮކްޓޯބަރު 2025، 11:16

12 އޮކްޓޯބަރު 2025، 11:16

ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ބޯޑަރުގައި ދެ ޤައުމުގެ ސިފައިންގެ މެދުގައި ހަމަލާބަދަލުރަމުންދާކަމަށް އަލްޖަޒީރާގައި ބުނެފިއެވެ.

އަފްޣާނިސްތާނާއި ޕާކިސްތާނުގެ ބޯޑަރުގައި ދެ ޤައުމުގެ ސިފައިންް ހަމަލާތައް ބަދަލު ކުރަމުންދާއިރު، މި ހަނގުރާމަ ހުއްޓުވުމަށް އީރާން، ޤަޠަރު އަދި ސަޢުދީ ޢަރަބިއްޔާއިން ގޮވާލައިފިއެވެ. މި ހަނގުރާމަ ފެށިފައިވަނީ މިދިޔަ ހަފްތާގައި ކާބޫލްއަށް ދިން ވައިގެ ހަމަލާއަކާ ގުޅިގެންނެވެ. ޠާލިބާނުން ބުނާ ގޮތުގައި މިއީ ޕާކިސްތާނުން ދިން ހަމަލާއެކެވެ.

ނަމަވެސް ޕާކިސްތާނުން މި ހަމަލާގެ ޒިންމާ ނަގާފައެއް ނުވެއެވެ. އެހެންނަމަވެސް ޕާކިސްތާނުން ތުހުމަތުކުރަނީ އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުން އިންޑިއާގެ އެހީގައި ދޭ ހަމަލާތަކެކެވެ. އިންޑިއާއިން މި ތުހުމަތު ދޮގުކުރާއިރު، ޠާލިބާނުން ބުނަނީ އެހެން ޤައުމުތަކަށް ހަމަލާދިނުމަށް އެމީހުންގެ ސަރަހައްދު ބޭނުންކުރަން ފުރުސަތު ނުދޭ ކަމަށެވެ.

އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު އިނާޔަތުﷲ ހްވާރިޒްމީ ވިދާޅުވި ގޮތުގައި، ޕާކިސްތާނުން އަފްޣާނިސްތާނުގެ ސަރަހައްދަށް ތަކުރާރުކޮށް ދެމުންދާ ވައިގެ ހަމަލާތަކާއި ގުޅިގެން ޠާލިބާނުންގެ ބާރުތަކުން ޖަވާބުގަައި ވަރުގަދަ ހަމަލާތަކެއް ޕާކިސްތާނުގެ ސިފައިންނަށް ދީފައިވެއެވެ. މި އޮޕަރޭޝަން ނިމުނީ މެންދަމުގެ ވަގުތުގައި ކަމަށް އޭނާ ސޯޝަލް މީޑިއާގައި ހާމަކުރެއްވިއެވެ.

ޕާކިސްތާނުގެ އިންޓީރިއަރ މިނިސްޓަރ މުހްސިން ނަގްވީ ވިދާޅުވީ އަފްޣާނިސްތާނުން ދިން ހަމަލާތަކަކީ "އެއްވެސް އުކުޅެއް ނެތި" ދިން ހަމަލާތަކެއް ކަމަށާއި، ޕާކިސްތާނުގެ ސިފައިން "ގައު އެއްލައިފިނަމަ ހިލައިން" ޖަވާބުދޭނެ ކަމަށެވެ. އަދި އާންމު ރައްޔިތުންނަށް ހަމަލާދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށާއި، އެއްވެސް ޕްރޮވޮކޭޝަނަކަށް ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޭޑިއޯ ޕާކިސްތާނުން ސެކިއުރިޓީ ވަސީލަތްތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، އަފްޣާނިސްތާނުން ހަމަލާ ދީފައިވަނީ ބޯޑަރުގެ 6 ސަރަހައްދަކަށެވެ. އަދި މި ހަމަލާތަކަށް ޕާކިސްތާނު އާމީއިން "ވަރުގަދަ އަދި ހަރުކަށި" ޖަވާބެއް ދީފައިވާ ކަމަށާއި، ރޭގަނޑުގެ އަނދިރީގައި ބަޑި އަދި އާޓިލަރީގެ އަލިފާން ފެތުރިގެން ދިޔަ މަންޒަރުތަކުގެ ވީޑިއޯ ހިއްސާކޮށްފައިވެއެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން