ދުނިޔެ

އާބާދީ ދަށްވުމާ ގުޅިގެން ޗައިނާގައި ސިނާއީ ރޮބޮޓް ބޭނުންކުރުން އިތުރުވެއްޖެ

އާބާދީ ދަށްވުމާ ގުޅިގެން ޗައިނާގައި ސިނާއީ ރޮބޮޓް ބޭނުންކުރުން އިތުރުވެއްޖެ

ޗައިނާގެ ކާރު އުފައްދާ ކާރުހާނާއެއްގައި ރޮބޮޓް މަސައްކަތްކުރަނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 އޮކްޓޯބަރު 2025، 11:28

12 އޮކްޓޯބަރު 2025، 11:28

ޗައިނާގެ އާބާދީ ދަށްވަމުންދާތީ، އެ ޤައުމުގެ ކާރުޚާނާތަކުގައި ސިނާއީ ރޮބޮޓް ބޭނުންކުރުން ބޮޑުތަނުން އިތުރުވެ، މިދިޔަ އަހަރު 295,000 އާ ރޮބޮޓް ބޭނުންކުރަން ފަށާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ދުނިޔޭގައި މިހާތަނަށް އެއްވެސް ޤައުމަކުން އަލަށް މިހާ ބައިވެރު  ރޮބޮޓް ބޭނުންކުރި އެންމެ ގިނަ  އަދަދެވެ.

ޗައިނާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި ރޮބޮޓް ޓެކްނޮލޮޖީގެ ހަލުވި ކުރިއެރުމަކީ އާބާދީ އުމުރުން ދުވަސްވުމުގެ ސަބަބުން ދިމާވެފައިވާ މަސައްކަތްތެރިންގެ ދަތިކަން ހައްލުކުރުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އަދި މިކަމުގެ ސަބަބުން ޗައިނާގެ މެނުފެކްޗަރިން ސެކްޓަރ އިތުރަށް ވަރުގަދަވެގެންދާ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެއެވެ.

އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރޮބޮޓިކްސް (އައި.އެފް.އާރް) އިން 2025 ވަނަ އަހަރު ނެރެފައިވާ ރިޕޯޓުން ހާމަވާ ގޮތުގައި، ޗައިނާގައި މިހާރު ހަރަކާތްތެރިވާ ސިނާއީ ރޮބޮޓްގެ ޢަދަދު 2.027 މިލިއަނަށް އަރާފައިވާއިރު، މިއީ ދުނިޔޭގައި އެންމެ ގިނަ ޢަދަދުގެ ސިނާއީ ރޮބޮޓް ހަރަކާތްތެރިވާ ޤައުމެވެ.

2024 ވަނަ އަހަރު ދުނިޔެއަށް 542,000 އާ ރޮބޮޓް ބޭނުންކުރަން ފަށާފައިވާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ރޮބޮޓް ބޭނުންކޮށްފައިވަނީ ޗައިނާއިންނެވެ. މި ރޮބޮޓްތަކަކީ ކާރުގެ ފްރޭމް އެސެމްބަލްކުރުން، އިލެކްޓްރޯނިކް ސާމާނު އުފެއްދުން އަދި ބަރުތަކެތި އުފުލުން ފަދަ މަސައްކަތްތަކުގައި އިންސާނުންގެ ބަދަލުގައި ބޭނުންކުރެވެމުން އަންނަ ރޮބޮޓްތަކެކެވެ.

ތަޖުރިބާކާރުން ގަބޫލުކުރައްވާ ގޮތުގައި އިންސާނުންގެ ސިފައަށް ހަދާފައިވާ އޮޓޮމެޓިކް މެޝިންތައް ކަމުގައިވާ ހިއުމަނޮއިޑް ރޮބޮޓްތަކަކީ ސިނާއީ ކުރިއެރުމުގެ ދެން އަންނާނެ މަރުޙަލާއެވެ. މި ރޮބޮޓްތަކުގެ އޯޑަރުތަކުގެ އަދަދު ކަނޑައެޅިގެން ނޭނގުނު ނަމަވެސް، ގިނަ ކުންފުނިތައް މިހާރުވަނީ ރިސާޗް މަރުޙަލާއިން ނިމި، ކޮމާޝަލް މިންވަރަށް އުފެއްދުން ފެށުމަށް ތައްޔާރުވަމުންނެވެ.

ޗައިނާގެ މީޑިއާ ބުނާ ގޮތުގައި، 2025 ވަނަ އަހަރުގެ އޯގަސްޓް މަހު، ގުއަންޑޮންގްގައި ހުންނަ ކުންފުންޏަކަށް 10,000 ހިއުމަނޮއިޑް ރޮބޮޓްގެ އޯޑަރެއް ލިބިފައިވާއިރު، މިއީ މި ސިނާއަތުގެ ތާރީޚުގައި ލިބުނު އެންމެ ބޮޑު އޯޑަރެވެ. މި ރޮބޮޓްތައް އުފައްދަނީ ޗައިނާގައި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވުމަށް ޚާއްސަކޮށެވެ.

ސްޓެޓިސްޓިކްސްތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ޗައިނާގެ އާބާދީ %0.1 ދަށްވިއިރު، ސިނާއީ ރޮބޮޓްތައް ބޭނުންކުރުން %5 އިތުރުވެ، 295,000 އާ ރޮބޮޓް ބޭނުންކުރަން ފަށާފައިވެއެވެ. މިއީ ދުނިޔެއަށް އަލަށް ބޭނުންކުރި ރޮބޮޓްތަކުގެ %54 އެވެ.

މި ގްލޯބަލް ރޭންކިންގްގައި ޖަޕާން ދެވަނަ ހޯދީ 45,000 އާ ރޮބޮޓާއެކުގައެވެ. އަދި އެމެރިކާ 34,200 ރޮބޮޓާއެކު ތިންވަނައިގައި ހިމެނެއެވެ.

މުޅި ދުނިޔެއަށް ބަލާއިރު، 2024 ވަނަ އަހަރު ރޮބޮޓްތައް ބޭނުންކުރުން %9 އިތުރުވެފައިވާއިރު، ހަރަކާތްތެރިވާ ރޮބޮޓްތަކުގެ ޖުމްލަ ޢަދަދު 4.664 މިލިއަނަށް އަރާފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން