Ads by Stelco

ޚަބަރު

ޤުރުއާނަށް ލޯބިޖެހިފައިވާ ދަރިންތަކެއް އުފެއްދުމަކީ މުޖުތަމަޢުއެއްގެ އެންމެ އިސްކަންދޭންޖެހޭ ކަންތައް: ރައީސް ޑރ މުޢިއްޒު

ޤުރުއާނަށް ލޯބިޖެހިފައިވާ ދަރިންތަކެއް އުފެއްދުމަކީ މުޖުތަމަޢުއެއްގެ އެންމެ އިސްކަންދޭންޖެހޭ ކަންތައް: ރައީސް ޑރ މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 އޮކްޓޯބަރު 2025، 12:26

12 އޮކްޓޯބަރު 2025، 12:26

ޤުރުއާނަށް ލޯބިޖެހިފައިވާ ދަރިންތަކެއް އުފެއްދުމަކީ މުޖުތަމަޢުއަކުން އެންމެ އިސްކަން ދޭންޖެހޭނެ ކަންތައްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުން ވަނަވަނަ ހާސިލުކުރި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތަށް ސަރުކާރުން އެންމެ އިސްކަމެއް ދެއްވުމަށް ނިންމީ، ދީނީ ކަންކަމަށް ބާރުއަޅާ އެ ދާއިރާއިން ކުރިއަށްދިއުމަށް ހުރި މަގުތައް ފަހިކޮށްދިނުމަށްކަމަށެވެ. މިއަހަރުގެ މުބާރާތުގައި ވަނަވަނައަށް އައި ދަރިވަރުންނަށް ސަރުކާރުން ވަނީ ބޮޑެތި އިނާމުތަކެއް ދެއްވާފައެވެ. ރައީސް ވަނީ މި ކާމިޔާބު ހޯދި ދަރިވަރުންނާއި ފަރާތްތަކަށް މަރުޙަބާ ދަންނަވާފައެވެ.

އެމަނިކުފާނު ވަނީ ދަރިންނަކީ ޤުރުއާން ކިޔަވަން ބޭނުންވާ، އަދި އެއީ ފަޚުރެއްގެ ގޮތުގައި ދެކޭ ދަރިންތަކެއްގެ ގޮތުގައި ބިނާކުރުމަށް ގޮވާލައްވާފައެވެ. ބެލެނިވެރިންނާއި، ސްކޫލްތަކާއި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުންވެސް އިސްކަންދޭންވީ ޤުރުއާނުގެ ހަމަތަކާ އެއްގޮތަށް، ރީތިކޮށް ކިޔަވަން ސަމާލުކަންދޭ ދަރިންތަކެއް އުފެއްދުމަށްކަމަށް ރައީސް ވިދާޅުވިއެވެ. ޤުރުއާނަށް ލޯބިޖެހިފައިވާ މުޖުތަމަޢެއް އުފެއްދުމަށް ސަރުކާރުން މި ދިން އިސްކަމަކީ، ވަރަށް މުހިމު ފެށުމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ ހެޔޮކަންކަމުގައި ވާދަވެރިކަން އުފެއްދުމަކީ ދީނުގައި އޮންނަ ކަމެއްކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ތަޤުވާވެރިކަމުގެ ގޮތުން ނޫން ކަންކަމުގައި ވާދަވެރިކަން އޮވެގެން ނުވާނެ ކަމަށާއި، އެންމެ މަތިވެރި އިނާމު ލިބެންވާނީ ޤުރުއާން ކިޔަވައިގެން ލިބޭ ވަނައަށް ކަމަށެވެ.

އަދި ދިވެހިންގެ ކުރީގެ ރިވެތި އާދަތައް އަނބުރާ ގެންނަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ދެނަމާދު ދޭތެރޭގައި ދަރިންނާއި މައިންބަފައިން ޤުރުއާން ކިޔަވަން ތިބި ޒަމާނަކީ، އެ އާދަތައް އަލުން އަނބުރާ ހޯދަންޖެހޭ ވަރަށް ރިވެތި އާދަތަކެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ދިރިއުޅުމުގެ ބުރަ ވަގުތުތަކުގެ ތެރެއިންވެސް، ޤުރުއާން ކިޔެވުމަށް ކޮންމެހެން ވަގުތު ހޯދަންޖެހޭ ކަމެއްގެ ގޮތުގައި ހެދުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ރައީސް ވިދާޅުވީ ދީނުގައި އެންމެ އިސްކަން ދިނުމަށް އަންގަވާފަވާ ކަންކަމަކީ ފަރުވާ ކުޑަކުރާ ކަންކަމަށްވެއްޖެނަމަ، ޤައުމުގައި ފާގަތިކަމާއި އަމާންކަން ނޯންނާނެކަމަށެވެ. ޙަޤީޤީ ތަރައްޤީއަކީ އިންސާނާގެ ސިކުނޑިއާއި ހިތާއި ޢަމަލުން އަންނަ މާނަހުރި ފުން، ވަށާޖެހޭ ތަރައްޤީކަމަށާއި، އިމާރާތެއް 50 ބުރިއަށް ހެދުމަކީ ޙަޤީޤީ ތަރައްޤީއެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖެއަކީ އިސްލާމީ ހިދާޔަތު ލިބިފައިވާ ވަރަށް "ޔުނިކް" ޤައުމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އަތުން ހިފޭ ތަރައްޤީއަށްވުރެ އިސްކަން ދޭންވީ، އަންނަން އޮތް ދުނިޔެއަށް ތައްޔާރުވުމަށް ކަމަށެވެ.

ވަށާޖެހޭ ތަރައްޤީއަކީ ސިކުނޑިން ވިސްނާ، އަމަލާއި ބަސް، އިސްލާމީ މަގުން ކުރިއަށްގެންދިއުމަށް ވިސްނުންކަމަށާއި، މިކަމަށް މަގުފަހިކުރެވޭނީ އަމިއްލައަށް އެކަން ކުރަން ބޭނުންވެގެންކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން އެކަމަށް ހިތްވަރުދީ މަގުތައް ކޮށައިދޭނެކަމަށް ވިދާޅުވެ، ޙަޤީޤީ ބަދަލު ގެނެވޭނީ، އަމިއްލަ ޚިޔާލާ ވިސްނުމާއި ފިކުރާއި ޢަމަލުތައް ތަރައްޤީކޮށް، ދާންވީ މަގު ސާފުވެގެންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން