Ads by Stelco

ޚަބަރު

ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވާ ފަރާތްތައް ހޮވާ، ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވާ ފަރާތްތައް ހޮވާ، ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ޙައްޖަށް ފޮނުވާ ބައިވެރިންގެ ގުރުއަތު ނެގުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

12 އޮކްޓޯބަރު 2025، 12:46

12 އޮކްޓޯބަރު 2025، 12:46

ސަރުކާރުގެ ޚަރަދުގައި 1447 ވަނަ އަހަރު ޙައްޖަށް ފޮނުވާ ފަރާތްތައް ހޮވާ، ގުރުއަތުން ހޮވުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ފަރާތްތައް ހޮވުމަށް މި މަހުގެ 9 ވަނަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ޢާންމުންނަށް ފެންނާނެހެން ވަނީ ލައިވްކޮށް ގުރުއަތުލުން ބާއްވާފައެވެ.

އެގޮތުން، ސަރުކާރުގެ ޚަރަދުގައި ޙައްޖުގެ މަތިވެރި އަޅުކަމަށް ދިއުމަށް 50 މީހަކު ހޮވާފައިވެއެވެ. އަދި އެއްވެސް ސަބަބެއް މެދުވެރިވެ ނުދެވިއްޖެ ހާލަތެއްގައި ދާނެ ފަރާތްތަކުގެ ގޮތުގައި 25 މީހަކު ހޮވާފައިވެއެވެ. ދަޢުލަތުގެ ޚަރަދުގައި ޙައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަޤީރުންގެ ދަފްތަރަށް ބަލައިގެންނެވެ. މި ދަފްތަރަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސްއިން ރިވިއުކޮށްފައިވާ ދަފްތަރެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ގުރުއަތުން ހޮވުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މި ލިސްޓަށް އެއްވެސް ޝަކުވާއެއް ހުށައެޅުމަށް ބޭނުންވެލައްވާނަމަ [email protected] މި މެއިލްއަށް ޝަކުވާ ފޮނުވުމަށް އެ ވުޒާރާއިން އެދިލައްވާފައިވެއެވެ. ހަމަ އެހެންމެ، ގުރުއަތުން ހޮވުނު ފަރާތްތަކުގެ ދާއިމީ ލިސްޓު ޢާންމުކުރުމަށް ހަމަޖެހިފައިވަނީ ހުށައެޅޭ ޝަކުވާތަކަށް ބެލުމަށް ފަހުގައިކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1000 ފަގީރުން ޙައްޖަށް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން، މި ވަޢުދުފުޅުގެ ދަށުން އެންމެ ފުރަތަމަ ފަގީރުން ހައްޖަށް ފޮނުވަން ފަށާފައިވަނީ 1445 ވަނަ އަހަރުއެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ވަޢުދުގެ ދަށުން 2025 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ވެސް 50 ފަޤީރުން ވަނީ ޙައްޖަށް ފޮނުވާފައެވެ.

ފަޤީރުންގެ ލިސްޓުގައި މިވަގުތު ފަރުޟު ޙައްޖު އަދާނުކޮށް ތިބީ 376 މީހުންނެވެ. ރައީސްގެ މި ދަޢުރުގެ ތެރޭގައި ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރުޟު ޙައްޖު ނުކުރާ އެންމެން ޙައްޖަށް ފޮނުވައި ނިމޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން