ޚަބަރު
ސޯޝަލް ހައުސިންގ ޔުނިޓުތައް އެހެން ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ ބަލަމުން ގެންދާނަން: އެޗްޑީސީ

ފްލްޓް އިމާރާތްތައް/ފޮޓޯ: އެޓޯލް ޓައިމްސް
ސޯޝަލް ހައުސިންގ ޔުނިޓުތައް އެހެން ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ ބަލަމުން ގެންދާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ އިން ވިދާޅުވެއްޖެއެވެ.
އެޗްޑީސީން މިފަދައިން ވިދާޅުވީ، އެ ކޯޕަރޭޝަނުން ތަރައްޤީކޮށް ބަލަހައްޓަމުންދާ ސޯޝަލް ހައުސިންގ ފުލެޓުތައް ކުއްޔަށް ދޫކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ދިއުމާއި ގުޅިގެންނެވެ.
އެޗްޑީސީން ވިދާޅުވީ، ސޯޝަލް ހައުސިންގ ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެހެންކަމުން، މި ފެލްޓުތައް އެހެން ފަރާތްތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީއާއި ސޯޝަލް ހައުސިންގ ފްލެޓު ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާއި ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން އެ ކޯޕަރޭޝަނުން އިތުރަށް ވިދާޅުވީ، ސޯޝަލް ހައުސިންގ ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ އެ ކޯޕަރޭޝަނުން ބަލަމުން ގެންދާނެ ކަމަށެވެ. ހަމަ އެހެންމެ، އެއްބަސްވުމާ ޚިލާފަށް އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީފައިވާނަމަ، އެފަރާތްތަކާ މެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
މިފަދަ ކަންކަމުގައި ޢާންމު ރައްޔިތުންގެ ފަރާތުން އެޗްޑީސީއަށް ދެއްވާ އެއްބާރުލުމަށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރު ދަންނަވާފައެވެ.