ޚަބަރު
ޖަރުމަނުވިލާތުގެ އައު ސަފީރު، ޚާރިޖީ ވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޒިޔާރަތުގެ ތެރެއިން/ފޮޓޯ: ވުޒާރާ
ޖަރުމަނުވިލާތު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޑޮކްޓަރ ފީލިކްސް ނިއުމަން، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ޚާރިޖީ ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި، ވަޒީރު ޑރ. ޚަލީލް ވަނީ ސަފީރު ޑޮކްޓަރ ފީލިކްސް ނިއުމަން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން އެކަމަށް ތަހުނިޔާ ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރާއި ޖަރުމަނުވިލާތުގެ ސަފީރުގެ ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފަ އެވެ. ހަމަ އެހެންމެ، މޫސުމަށް އަންނަ ބަދަލުތަކާއި، ތަޢުލީމާއި، ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާއިރު، ވިޔަފާރީގެ ދާއިރާއިން ވެސް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރުގެ އަރިހުގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ ޢަބްދުއްޞަމަދު އާއި، ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އާއި، ސީނިއަރ އަންޑަރ ސެކްރެޓަރީ ޙަސަން ޙުސެއިން ޝިހާބް އާއި، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ހާނީ ނަޢީމްގެ އިތުރުން، ޑެޕިއުޓީ ޑެސްކް އޮފިސަރ ޚަދީޖާ އައުފިޔާއު ބައިވެރިވެވަޑައިގަތެވެ.