ޚަބަރު
މާރާމާރީ ހިންގި ދެ މައްސަލައަކާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފި

މާރާމާރީ ހިންގި ދެ މައްސަލައަކާ ގުޅިގެން ހަ މީހަކު ހައްޔަރުކުރުން. / ފޮޓޯ: ފުލުހުން.

ފަރުދުން
12 އޮކްޓޯބަރު 2025، 03:22
12 އޮކްޓޯބަރު 2025، 03:22
މާރާމާރީ ހިންގި ދެ މައްސަލައަކާ ގުޅިގެން މާލެއިން ހަ މީހަކު ހައްޔަރުކޮށްފިއެވެ.
މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / މޯރާ، ޠާއިފް ރަފީޤު (26އ)، ގދ. ރަތަފަންދޫ / ސަންރައިސް، އަމްސަލް ޢަބްދުﷲ (25އ)، ލ. ގަން / ތުނޑި. ރޯސްބަޑް، އަޙްމަދު ނީޒާދު (29އ)، ގދ. ތިނަދޫ / ގުލްބަކާގެ، ޢަބްދުﷲ އިސްރާޤް (19އ)، ތ. ގާދިއްފުށި / މުސްތަރީގެ، ޝަމާލް ޙުސައިން (22އ) އަދި ލ. މާމެންދޫ / މުރިނގު، ރަޖުވާން ލަޠީފް (24އ) އެވެ. މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހު ކޯޓު އަމުރުގެ ދަށުންނެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، މި މީހުންގެ ތެރެއިން ތ. ގާދިއްފުށި / މުސްތަރީގެ، ޝަމާލް ޙުސައިން (22އ) އަދި ލ. މާމެންދޫ / މުރިނގު، ރަޖުވާން ލަޠީފް (24އ) ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުގެ 18:10 ހައި އިރު، ސައިކަލެއްގައި ގޮސް، ބޮޑުތަކުރުފާނު މަގު ޕޯސްޓު އޮފީސް ކައިރީ ހުރި މީހަކާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ޝަމާލް ޙުސައިން (22އ) އާއި ރަޖުވާން ލަޠީފް (24އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ދެން ތިބި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ، މި އޮކްޓޫބަރު މަހުގެ 4ވަނަ ދުވަހުގެ 20:30 ހައި އިރު ގުރޫޕު ހަދާފައި ސައިކަލެއްގައި ގޮސް، މއ. ރީނދޫމާގެ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިން މީހަކަށް ނުރައްކައުތެރި ހަތިޔާރު ބޭނުންކޮށްގެން ޙަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން މި ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރުމުން، ޝަރީޢަތުން ގޮތެއް ނިމެންދެން ހަތަރު މީހުން ވެސް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ހާމަކުރާ ގޮތުގައި، މާރާމާރީގައި އަނިޔާވި މީހުންނަށް ފަރުވާދިނުމަށް ފަހު ހޮސްޕިޓަލުން މިހާރު ވަނީ ދޫކޮށްލާފައެވެ.