ދުނިޔެ

ޣައްޒާއަށް އިސްރާއިލުން ދެމުންދާ ހަމަލާތައް ހުއްޓުވުމާ ގުޅޭ އެއްބަސްވުމުގެ މަޝްވަރާތަކުގައި 20 ޤައުމަކުން ބައިވެރިވޭ

ޣައްޒާއަށް އިސްރާއިލުން ދެމުންދާ ހަމަލާތައް ހުއްޓުވުމާ ގުޅޭ އެއްބަސްވުމުގެ މަޝްވަރާތަކުގައި 20 ޤައުމަކުން ބައިވެރިވޭ

މިޞްރުގެ ޝަރަމް އައް ޝައިޙް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 އޮކްޓޯބަރު 2025، 03:22

12 އޮކްޓޯބަރު 2025، 03:22

ޣައްޒާއަށް އިސްެެރާއިލުން ދެމުންދާ ހަމަލާތައް ހުއްޓުވާ ގުޅޭ އެއްބަސްވުމުގެ މަޝްވަރާތަކުގައި 20 ޤައުމަކުން ބައިވެރިވާކަމަށް ޞުލްޙައިގެ ވާހަކަތަކުގެ އިސް މެދުވެރިއެއް ކަމަށްވަ މިޞްރުން ބުނެފިއެވެ. 

މިޞްރުގެ ޝަރަމް އައް ޝައިޚްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މިޞްރާއި އެމެރިކާގެ އިސްނެގުމުގެ ދަށުން ބޭއްވޭ މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިންމައި، މެދުއިރުމަތީގެ ސަރަޙައްދުގައި ސުލްޙަ އަމާންކަން ޤާއިމްކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމެވެ. އެކްސިއޯސް ނިއުސްއިން ރިޕޯޓުކުރި ގޮތުގައި މި ބައްދަލުވުމުގައި ބައިވެރިވުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިރާނާއި ސްޕެއިން ފަދަ ޤައުމުތަކަށް ދަޢުވަތު ފޮނުވާފައެވެ.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޯން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެކަން ފްރާންސްގެ ރިޔާސީ ގަނޑުވަރުން ވަނީ އިޢުލާންކޮށްފައެވެ. އަދި ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗެޒް އަދި އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެކަން އެ ދެ ގައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރގެ އޮފީހުން ބުނި ގޮތުގައި އޭނާވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި މި އެއްބަސްވުމަށް ވާސިލުވުމުގައި އެމެރިކާގެ ރައީސް ޓްރަމްޕް އަދި މިޞްރު، ޤަޠަރު އަދި ތުރުކީން ކުރި ޑިޕްލޮމެޓިކް މަސައްކަތްތަކަށް އޭނާ ތަޢުރީފުކުރައްވާނެކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން ޖަރުމަނު، ޤަޠަރު، އެމިރޭޓްސް، ޖޯޑަން، ތުރުކީ، ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި އިންޑޮނޭޝިއާގެ ލީޑަރުންނާއި ފޮރިން މިނިސްޓަރުންވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެކަމަށް އެކްސިއޯސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

ރައީސް ޓްރަމްޕް ހޯމަ ދުވަހުގެ ހެނދުނު އިސްރާއީލަށް ވަޑައިގެން، ކަނެސެޓްގައި ވާހަކަފުޅު ދެއްކެވުމަށްފަހު، ޣައްޒާގައި ހައްޔަރުކޮށްފައި ތިބި އިސްރާއީލްގެ އަސީރުންގެ އާއިލާތަކާ ބައްދަލުކުރައްވާނެއެވެ. އޭގެ ފަހުން މިޞްރަށް ވަޑައިގެން، ރައީސް އަބްދުލް ފައްތާޙް އައް ސީސީއާ ބައްދަލުކުރައްވައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން