ދުނިޔެ
ޣައްޒާ އަލުން އާރާސްތުކުރުމަށް އެތައް އަހަރެއް ބޭނުންވާނެ: ރަޖަގޯޕާލް

ޣައްޒާ
ޣައްޒާ އަލުން އާރާސްތުކުރުމަށް އެތައް އަހަރެއް ބޭނުންވާނެ ކަމަށް އދ. ގެ ޚާއްޞަ ރެޕަޓުއަރ ބަލަކްރިޝްނަން ރަޖަގޯޕާލް ވިދާޅުވެއްޖެއެވެ.
ބަލަކްރިޝްނަން ރަޖަގޯޕާލް ވިދާޅުވެފައިވަނީ، ޣައްޒާގައި އިސްރާއީލުން ގެދޮރު ހަލާކުކުރުމަކީ އެސަރަޙައްދުގެ ފަލަސްޠީނު ރައްޔިތުންނާއި ދެކޮޅަށް ހިންގާ ނަސްލު މުލިން ނައްތާލުމުގެ ޢަމަލުގެ މައިގަނޑު ބައެއް ކަމަށެވެ.
އަލްޖަޒީރާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ރަޖަގޯޕާލް ވިދާޅުވީ، ޣައްޒާގެ 92 އިންސައްތަ ގެދޮރު ވަނީ ފުނޑުފުނޑުވެފައި ކަމަށާއި، އުތުރު ޣައްޒާއަށް އަނބުރާ ދާ މީހުންނަށް ފެންނަނީ ހަމައެކަނި ވީރާނާވެފައިވާ ސަރަޙައްދުތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ މިއީ އިސްރާއީލްގެ މަޤްޞަދު ކަމަށެވެ.
"މިހާރު އުފެދޭ މައިގަނޑު ސުވާލަކީ އެމީހުންނަށް ދިރިއުޅެވޭނީ ކޮންތާކުތޯ؟ އެސަރަޙައްދުގައި ދިރިއުޅެވޭނެތޯ؟ ސާފުކޮށް ދަންނަވާނަމަ، ނުވާނެ. އަދި އެއީ އިސްރާއީލްގެ މަޤްޞަދު ވެސް މެ،" ރަޖަގޯޕާލް ވިދާޅުވިއެވެ.
އިތުރަށް އޭނާ ފާހަގަކުރެއްވި ގޮތުގައި، ގޭގެއަކީ ހަމައެކަނި ހަތަރު ފާރާއި ފުރާޅެއް ނޫނެވެ. ގެއަކީ މީހުންގެ އުންމީދުތަކާއި، ހުވަފެންތަކާއި، ޚާއްޞަކޮށް ހަނދާންތައް ރައްކާކުރެވިފައި ހުންނަ ތަނެކެވެ. މި ހުރިހާ އެއްޗަކީ އިންސާނުން އިންސާނުންގެ ގޮތުގައި ދެމިތިބުމަށް މުހިންމު ކަންކަމެވެ.
ރަޖަގޯޕާލް ވިދާޅުވީ މި އާރާސްތުވުމުގެ މަސައްކަތަށް ޖީލުތަކެއް ހޭދަވެދާނެ ކަމަށެވެ. އޭނާ މި ހާދިސާ އަޅާކިޔުއްވީ 1948 ވަނަ އަހަރު އިސްރާއީލް އުފެދުނުއިރު ހިނގި ނަކްބާއާ އެވެ. "ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަންތައްތަކަކީ އެފަދަ ކަމަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.