ދުނިޔެ
އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްޠީނުގެ ދެ ޑޮކްޓަރުން ދޫކޮށްލުމަށް އިންކާރުކޮށްފި

އިސްރާއިލުން ހައްޔަރުކޮށްފައިވާ ޣައްޒާގެ ދެޑޮކްޓަރުން
އިސްރާއީލު ސިފައިން ޣައްޒާއިން ހައްޔަރުކޮށްފައިވާ ފަލަސްޠީނުގެ ދެ ޑޮކްޓަރުން ކަމަށްވާ ޑރ. ހުސާމް އަބޫ ސަފިއްޔާ އަދި ޑރ. މަރުވާން އަލް-ހަމްސް، ޙަމާސް އަދި އިސްރާއީލާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ދޫކޮށްނުލާނެ ކަމަށް އިސްރާއީލުން ބުނެފިއެވެ.
ސީއެންއެންއަށް ޙަމާސްގެ އިސްފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ޑރ. ހުސާމް އަބޫ ސަފިއްޔާ ދޫކޮށްލުމަށް އިސްރާއީލުން އިންކާރުކޮށްފައިވެއެވެ. މީގެ އިތުރުން، ޣައްޒާގެ ފީލްޑް ހޮސްޕިޓަލްތަކުގެ ޑިރެކްޓަރު ޑރ. މަރުވާން އަލް-ހަމްސްވެސް ދޫކޮށްނުލާނެ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
ޑރ. އަބޫ ސަފިއްޔާ ހައްޔަރުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ކަމާލް އަދްވާން ހޮސްޕިޓަލަށް އިސްރާއީލު ސިފައިން ވަދެ، އޭނާ ބިޑިއަޅައިގެން ނެރުމަށްފަހުއެވެ. އޭނާއަކީ ޗިކާގޯގައި މައި އޮފީސް ހުންނަ މެޑްގްލޯބަލްގެ ޣައްޒާގެ މައި ޑޮކްޓަރެވެ.
އޭނާގެ ޤާނޫނީ ވަކީލު ފަހުން ދީފައިވާ މައުލޫމާތުގައި، އޯފަރ ޖަލުގައި ހުރި ޑރ. އަބޫ ސަފިއްޔާގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އޭނާގެ ހަށިގަނޑުގެ ބަރުދަން 40 ކިލޯއަށްވުރެ ގިނައިން ދަށްވެފައިވާ ކަމަށާއި، ޖޫން 24 ވަނަ ދުވަހު އޭނާއަށް އަނިޔާކޮށް، ކަށްޓަށާއި، މޫނަށާއި، ބުރަކަށްޓަށް ގެއްލުން ލިބިފައިވާ ކަމަށް ވަކީލު ބުނެފައިވެއެވެ.
ބުދަ ދުވަހު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ހަމާސްއިން 48 އަސީރުން ދޫކޮށްލަން ޖެހޭއިރު، އިސްރާއީލުން 250 ފަލަސްޠީނުގެ އަސީރުންނާއި، އޮކްޓޯބަރު 7، 2023 ގެ ފަހުން ހައްޔަރުކޮށްފައިވާ 1،700 ފަލަސްޠީނު ރައްޔިތުންން ދޫކޮށްލަން ޖެހެއެވެ. ނަމަވެސް މި ދެ ޑޮކްޓަރުން މި އެއްބަސްވުމުގެ ދަށުން ދޫކޮށްނުލާނެ ކަމަށް އިސްރާއީލުން ވަނީ ނިންމައިފައެވެ.