ޚަބަރު
އިންޑިއާގައި ކުދީން މަރުވި ބޭހަށް ރާއްޖެއިން ހުއްދައެއް ނުދޭ: އެމް.އެފް.ޑީ.އޭ.

އިންޑިޔާގައި ކުދީން މަރުވާން މެދުވެރިވި ކޯލްޑްރިފް

ފަރުދުން
12 އޮކްޓޯބަރު 2025، 04:49
12 އޮކްޓޯބަރު 2025، 04:49
އިންޑިއާގައި މި މަފަހަކުން 12 ވަރަކަށް ކުޑަކުދީން މަރުވުމަށް މެދުވެރިވި ކޯފް ސިރަޕަކީ ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ އޮންނަ ބަޔަކު އުފައްދާ އެއްޗެއް ނޫން ކަމަށާއި، ނަމަވެސް އަމިއްލަ ބޭނުމެއްގައި ވެސް އެ ކުންފުނިތަކުގެ ބޭސް ގެންނަ ނަމަ ސަމާލުވުން މުހިންމު ކަމަށް އެމް.އެފް.ޑީ.އޭ.އިން ބުނެފިއެވެ.
އެ އޮތޯރިޓީން ކުރި އިޢުލާނުގައި ބުނީ، ކެއްސާތީ ކުޑަކުދީންނަށް ދޭ ދިޔާ ތިން ބޭހެއްގައި ވިހަ މާއްދާއެއް ކަމަށްވާ "ޑައިތްލީން ގްލައިކޯލް" ހުރެގެން އެ ބޭސް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފައިވާކަން ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ނެޓްވޯކުން އިންޛާރުދީފައިވާ ކަމަށެވެ.
ނަމަވެސް، އެ އިންޛާރުގައި ފާހަގަކޮށްފައިވަނީ އެމް.އެފް.ޑީ.އޭ.އިން ބޭސް އެތެރެކުރުމަށް ހުއްދަ ދީފައިވާ ކުންފުނިތަކެއް ނޫން ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ. ވީމާ، ބޭސް ފަރުވާ އެތެރެކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުޞޫލެއްގެ ދަށުން އެ ބޭސްތައް ރާއްޖެ އެތެރެކޮށްފައިނުވާނޭ ކަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ކަށަވަރުކޮށްދީފައެވެ.
މަދްޔަ ޕްރަދޭޝްގެ ސްޓޭޓް ޑްރަގް ލެބޯޓްރީއަކުން ހެދި ޓެސްޓުތަކުން ހާމަވި ގޮތުގައި، ޓެސްޓުކުރި 19 ބޭހުގެ ތެރެއިން، ކުދީން މަރުވި މައްސަލަ ދިމާވި "ކޯލްޑްރިފް" ސިރަޕްގެ ސާމްޕަލެއްގައި 46.28% ޑައިތިލީން ގްލައިކޯލް ހުއްޓެވެ. ބޭސްތަކުގައި މި މާއްދާ އެންމެ ގިނައިން ވެސް ބޭނުންކުރެވޭ މިންވަރަކީ 0.15%އެވެ.
މީގެ އިތުރުން، އެ މައްސަލަ ދެން ކުރިމަތިވި މެންތޯލް ސިރަޕުގައި 1.3% ޑައިތްލީން ގްލައިކޯލް، އަދި މެންތޯލް ސިރަޕް ރިލީފްގައި 0.6% ޑައިތްލީން ގްލައިކޯލް ހުއްޓެވެ.
އެމް.އެފް.ޑީ.އޭ.އިން ވަނީ އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެކުރާ އިރު ވެސް މި ކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
"ރާއްޖެއަށް އެތެރެކުރާ ބޭހުގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް، ޚާއްޞަކޮށް ތުއްތު ކުދީންނަށް ދޭ ބޭހުގައި މިހާރު ފާހަގަކުރެވެމުންދާ މި މައްސަލަ ޙައްލުކުރުމުގެ ގޮތުން މި އޮތޯރިޓީން އަބަދު ވެސް ގެންދަނީ ފިޔަވަޅުތައް އަޅަމުންނެވެ." އިޢުލާނުގައި ވެއެވެ.
މި ފިޔަވަޅުތަކުގެ ތަފްޞީލަށް ބަލައިލާ އިރު، އެ އިދާރާއިން ބުނީ މިހާރު ތަންފީޛުކުރަމުން އަންނަ އެންމެ މުހިންމު އުޞޫލަކީ ކެއްސުމާއި ރޯގާއަށްދޭ ކުޑަކުދީންގެ ސިރަޕް އެތެރެކުރާ އިރު ޑައިތުލީން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ނުހިމެނޭކަން ކަށަވަރުކޮށްދޭ ލެބޯޓްރީ ތަޙުލީލު ރިޕޯޓު ހޯދައި، ބޭހުގައި އެ ކެމިކަލް ނެތްކަން ކަށަވަރުކުރުން ކަމަށެވެ.
ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް އަކީ ޞިނާޢީ ކެމިކަލެކެވެ. މި ދެ ޒަހަރު އެކުލެވޭ ބޭސް ބޮއިގެން މީގެ ދެ އަހަރު ކުރީން އިންޑޮނޭޝިޔާގައި 368 ކުދީން، އަދި ގެންބިއާގައި 70 ކުދީން މަރުވެފައިވެއެވެ. އެ ފަހަރު މައްސަލަ ޖެހުނު ސިރަޕް ރާއްޖޭގައި ވެސް އޭރު ވިއްކާން ހުއްޓެވެ.