ދުނިޔެ
އެމެރިކާ އަދި އިސްރާއީލުގެ އެހީތެރިކަން ލިބިގެން ހިންގި ޖީއެޗްއެފްގެ އެހީގެ ސައިޓުން އިސްރާއީލްގެ ހަތިޔާރުތަކެއް ފެެނިއްޖެ

ޖީއެޗްއެފްގެ އެހީގެ ސައިޓުން އެހީ ހިފައިގެން ދިޔަ ފަލަސްޠީނުގެ ކުއްޖެއް
އެމެރިކާ އަދި އިސްރާއިލުގެ އެހީތެރިކަން ލިބިގެން ހިންގި ޖީއެޗްއެފްގެ އެހީގެ ސައިޓުން އިސްރާއިލްގެ ހަތިޔާރުތަކެއް ފެނިއްޖެއެވެ.
ޣައްޒާއަށް ދެމުންދިޔަ ހަމަލާތަކަށް ހުއްޓުމެއް އައުމާއެކު، އެމެރިކާ އަދި އިސްރާއީލުގެ އެހީތެރިކަން ލިބިގެން ހިންގަމުން އައި ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން އެ ތަނުގެ އެހީގެ ސައިޓުތައް ނަގާ، އިންސާނީ އެހީގެ މަސައްކަތްތައް އދ. އާއި އެ ޖަމްއިއްޔާގެ އެޖެންސީތަކާ ވަނީ ހަވާލުކޮށްފައެވެ. މި ސައިޓުތަކުން ކުރިން ބަނޑުހައިހޫނުކަމުގައި އެހީ ހޯދަން އައި މީހުންނަށް ހަމަލާދިނުމަށް ބޭނުންކުރި އިސްރާއީލީ ހަތިޔާރުތަކުގެ ބައިތައް ފެނިފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.
"އަހަރުމެން އެތަނަށް ދިޔައިރު، އެހީ ހޯދަން އައި ފަލަސްތީނުންނަށް ހަމަލާދިނުމަށް ބޭނުންކުރި އިސްރާއީލީ ހަތިޔާރުތަކުގެ ބައިތައް ފެނުނު. އެތަނުން ޝެލްތަކުގެ ބައިތައް އަދި އެހީ ހޯދަން އައި މީހުންނަށް ދެކޮޅަށް ބޭނުންކުރި ވަޒަންތައް ފެންނަން ހުރި." ޣައްޒާގެ މެދުތެރޭގައި އޮންނަ ނެޒަރިމް ކޮރިޑޯއިން އަލްޖަޒީރާއިން ރިޕޯޓުކުރި ރިޕޯޓަރު ބުނެފައިވެއެވެ.
މި ސަރަހައްދަކީ "ރެޑް ޒޯން" އެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ސަރަހައްދެކެވެ. ޚާއްޞަކޮށް ބަނޑުހައިހޫނުކަން އިންތިހާއަށް އިތުރުވެފައިވާ ދުވަސްވަރު، މީހުން ޖެހުނީ ޖީއެޗްއެފްއިން ހިންގާ އެހީގެ ސައިޓުތަކަށް ވަރަށް ދުރުން ހިނގާފައި ދާށެވެ.
އދ. އާއި ގިނަ އިންސާނީ އެހީގެ ޖަމްއިއްޔާތަކުން ޖީއެޗްއެފްއާ ދުރުހެލިވެފައިވެއެވެ. އެ ޖަމްއިއްޔާތަކުން ބުނާ ގޮތުގައި ޖީއެޗްއެފްއިން އިންސާނީ އެހީގެ އުސޫލުތަކާ ޚިލާފުވެއެވެ. މީގެ ތެރޭގައި އެހީ ދިނުން ހަމައެކަނި ދެކުނު އަދި މެދު ޣައްޒާއަށް ހަނިކުރުމާއި، އެހީ ހޯދުމަށް ދުރު ދަތުރުތައް ކުރަން ޖެހުމާއި، މަދު މިންވަރަކަށް އެހީ ފޯރުކޮށްދިނުން ހިމެނެއެވެ.
ހިއުމަން ރައިޓްސް ވޮޗުން ބުނެފައިވަނީ ޖީއެޗްއެފްގެ ސައިޓުތަކުން އެހީ ހޯދަން އައި މީހުން މެރުމަކީ ހަނގުރާމައިގެ ކުށްތަކެއް ކަމަށެވެ. އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަރުގެ އޮފީހުން އޯގަސްޓު މަހު ބުނި ގޮތުގައި މަދުވެގެން 1,800 ފަލަސްތީނުގެ ރައްޔިތުން އެހީ ހޯދަން އުޅެނިކޮށް ޝަހީދުވެފައިވާއިރު، އޭގެ ތެރެއިން 1,000 މީހުން ޝަހީދުވެފައިވަނީ ޖީއެޗްއެފްގެ ސައިޓުތަކާ ކައިރިންނެވެ.