ޚަބަރު
އިޖްތިމާޢީ ފްލެޓްތައް އެއްބަސްވުމާ ޚިލާފަށް ކުއްޔަށްދޭ މައްސަލަ ޤާނޫނީގޮތުން ހައްލުކުރަން ސަރުކާރުން ނިންމައިފި

ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު
ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައިވަނީ، އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް އެއްބަސްވުމާ ޚިލާފަށް ކުއްޔަށްދޭ މައްސަލަ ޤާނޫނުގެ ތެރޭގައި ހިމަނައިގެން މި ސަރުކާރުން ހައްލުކުރާނެ ކަމަށެވެ. ވަޒީރު މިފަދައިން ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
ޑރ. މުއްޠަލިބު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަނީ ބޮޑެތި ލޯނުތައް ނަގައިގެން ކަމަށާއި، މިފަދަ ލޯނުތައް ނެގުމުގައި، ފްލެޓްތަކުން ލިބޭ ކުލި އެއްބަސްވުމާ އެއްގޮތަށް ލިބޭނެ ކަމަށް ބަލައިގެން ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ފްލެޓްތަކުން ޤަވާއިދުން ކުލި ނުދެއްކުމާއި، އެއްބަސްވުމާ ޚިލާފަށް ފްލެޓްތައް ކުއްޔަށް ދޫކުރުމުގެ ސަބަބުން، ބޯހިޔާވަހިކަން އެންމެ ބޭނުންވެފައި ތިބި ރައްޔިތުންނަށް އެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ފްލެޓްތަކުން ކުލި ނުލިބުމުގެ ސަބަބުން ދައުލަތަށް އިތުރު ލޯނު ލިބުމުގެ ފުރުޞަތު ބަންދުވެ، އެތައް ރައްޔިތުންގެ ހައްޤުތައް އުނިވެގެންދާ ކަމަށެވެ. އަދި ކުލި ނުދެއްކުމަކީ ހަމައެކަނި ސަރުކާރަށް ނަފްރަތު ބޭލުމަށް ކުރާ ކަމެއް ނޫން ކަމަށާއި، އެތައް ރައްޔިތުންގެ ހައްޤުތައް އެކަމުގައި ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޑރ. މުއްޠަލިބު ވަނީ ހިޔާ ފްލެޓުތަކަކީވެސް އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ތަރައްޤީކޮށް ދޫކޮށްފައިވާ ފްލެޓްތަކެއްކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް، އެ ފްލެޓްތައް ލޭބަރ ކުއަރޓަރސްތަކުގެ ގޮތުގައި ދޫކުރުންފަދަ ކަންކަން އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ސަރުކާރުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމެއް ކަމަށް ވިދާޅުވަމުން ވަޒީރު އިތުރަށް ވިދާޅުވީ،
މިއީ ރައްޔިތުން ބޯހިޔާވަހިކަމުގެ ދަތިކަން ތިބި ފަރާތްތަކަށް ދޭން ހުރި ތަންތަން. 20 ހާހުން 25 ހާސް ރުފިޔާ ކުއްޔަށްދީގެން އާމްދަނީ ހޯދަން ހުންނަ ތަންތަނެއް ނޫން މިއީ، މި ސަރުކާރުން އިރާދަކުރެއްވިއްޔާމުން އެކަން ޤާނޫނުގެ ތެރެއިން ނަމަވެސް ހައްލުކުރުމަށް މަސައްކަތް ކުރާނެ ކަމެއް
ވަޒީރު ޑރ. މުއްޠަލިބު
މިފަދަ ތަންތަން އެއްބަސްވުމާ ޚިލާފަށް ކުއްޔަށްދޫކުރާ ފަރާތްތަކަކީ ކޮބައިކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި (އެޗްޑީސީ) ފަހި ދިރިއުޅުން ކޯޕަރޭޝަނާ (އެފްޑީސީ) ގުޅިގެން އެ ވުޒާރާއިން ބަލަމުންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަމުގައި ޤާނޫނީގޮތުން ހުރި ކަންކަންވެސް ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވަނީ، ސަރުކާރުގެ ސޯޝަލް ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން ފްލެޓު ލިބިފައިވާ ފަރާތްތަކުން ގަވާއިދުން ކުއްލި ދެއްކުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ މަޝްރޫޢުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށާއި، ބޯހިޔާވަހިކަމުގެ ފުރުޞަތު ދެންތިބި ފަރާތްތަކަށްވެސް ފަހިކޮށްދިނުމަށްޓަކާވެސް މިއީ މުހިންމުކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.