ޚަބަރު
މާފުށީ ޖަލުގައި ތިބި ޤައިދީންނަށް ހިންގި ސެޓްފިކެޓް ލެވެލް ކޯސްތަކުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ކަރެކްޝަންސް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން މާފުށީ ޖަލުގައި ތިބި ޤައިދީންނަށް ހިންގި ސެޓްފިކެޓް ލެވެލްގެ ހަތަރު ކޯހެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މާފުށީ ޖަލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، މާފުށީ ޖަލުގެ ޑައިރެކްޓަރ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޢަބްދުﷲ އަމީން އަދި ކޮމިޝަންޑް އޮފިސަރުންނާއި މެލޭޝިޔާ ޕްރިޒަން ޑިޕަރޓްމަންޓްގެ ތިން އޮފިސަރުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި ބައިވެރިން ސެޓްފިކެޓް ހާސިލްކޮށްފައިވަނީ، އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި ސެޓްފިކެޓް 1 އިން ސްޓާރޓިން އެގްރިކަލްޗަރ ކޯހާއި، ސެޓްފިކެޓް 01 އިން ހައުސްވަޔަރިންގ އެންޑް އިލެކްޓްރިޝަން ކޯސް، އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި އައިލެންޑް އިންސްޓިޓިއުޓް ފޮރ ޓަރޝަރީ އެޑިއުކޭޝަން (އައިއައިޓީއީ) އާ ގުޅިގެން ހިންގި ސެޓްފިކެޓް 3 އިން ރެފްރިޖަރޭޝަން އެންޑް އޭ.ސީ. މެއިޓަނަންސް ކޯހާއި، ސެޓްފިކެޓް 3 އިން އިލެކްޓްރިކް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯހުންނެވެ.
މި ކޯހުގައި ބައިވެރިވި 21 ފިރިހެން ޤައިދީންނާއި 02 އަންހެން ޤައިދީންނާއެކު، ޖުމްލަ 23 ޤައިދީން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ. އަދި މީގެ ތެރެއިން ދެ ޤައިދީއަކު ވަނީ ދެ ކޯސް ފުރިހަމަކޮށްފައެވެ. ސެޓްފިކެޓް ދިނުމުގެ އިތުރުން، މި ކޯސްތަކުން ހަޔަރ ޑިސްޓިންކްޝަން ހޯދި ފަރާތްތަކަށް ވަނީ މެޑަލް، ޓްރޮފީ އަދި ގިފްޓް ޕެކް ޙަވާލުކޮށްފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ، ޤައިދީންނަށް މިފަދަ ކޯސްތައް ހިންގުމުގެ މަޤްޞަދަކީ ޤައިދީން ރިހެބިލިޓޭޓްކުރުމުގެ ގޮތުން، އެފަރާތްތައް ޖަލުގައި ހޭދަ ކުރާ ދުވަސްތަކަކީ ފައިދާކުރުވަނިވި ދުވަސްތަކެއްކަމުގައި ހެދުމަށާއި، ކުށްކުރުމުން ދުރުހެލިކޮށް، ޤައިދީން އަނބުރާ މުޖުތަމަޢުއަށް ނިކުމެ އާމްދަނީއެއް ހޯދުމަށް ކުރާނެ މަސައްކަތެއް ދަސްކޮށްދީ، މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ހެދުމަށް މަސައްކަތްކުރުން ކަމަށެވެ.