ދުނިޔެ

އެންމެންގެ ލޯބި ހޯދި ޣައްޒާގެ ނޫސްވެރިޔާ ޞާލިޙް ޝަހީދު ކޮށްލައިފި

އެންމެންގެ ލޯބި ހޯދި ޣައްޒާގެ ނޫސްވެރިޔާ ޞާލިޙް ޝަހީދު ކޮށްލައިފި

ޣައްޒާގެ ނޫސްވެރިޔާ ޝަހީދް ޞާލިޙް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޮކްޓޯބަރު 2025، 10:23

13 އޮކްޓޯބަރު 2025، 10:23

އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވަނިކޮށް، ޣައްޒާގެ މަޝްހޫރު އަދި ގިނަ ބައެއްގެ ލޯބި ހޯދި ނޫސްވެރިއެއް ކަމުގައިވާ ޞާލިޙް އަލްޖަޢުފަރާވީ (28 އަހަރު) ޣައްޒާ ސިޓީގައި ހިނގި ހަމަނުޖެހުންތަކެއްގައި ޝަހީދުކޮށްލައިފިއެވެ.

އަލްޖަޒީރާއަށް ފަލަސްޠީނު ވަސީލަތްތަކުން މަޢުލޫމާތު ދިންގޮތުގައި، ހަނގުރާމައިގެ ވީޑިއޯ ކަވަރޭޖް ކުރުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ މި ނޫސްވެރިޔާ ޝަހީދުކޮށްލީ ސަބްރާ ސަރަޙައްދުގައި "ހަތިޔާރު އެޅި ޖަމާޢަތަކުން" ނެވެ. އޭނާގެ ހަށިގަނޑު ޕިކަޕެއްގެ މަތީގައި އޮއްވައި ނެގިފައިވާ ފޮޓޯތަކެއް އަލްޖަޒީރާގެ ސަނަދު އޭޖެންސީން ވަނީ ޞައްޙަކަމަށް ކަށަވަރުކޮށްދީފައެވެ. އޭނާ ގެއްލިފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނުއެވެ.

ޣައްޒާގެ އިންޓީރިއަރ މިނިސްޓްރީގެ އިސް މަސްދަރެއް އަލްޖަޒީރާއަށް ވިދާޅުވިގޮތުގައި، ޣައްޒާ ސިޓީގައި ހިނގި މި ހަމަނުޖެހުންތަކުގައި ބައިވެރިވީ "އިސްރާއީލީ އޮކިއުޕޭޝަނާ ގުޅުންހުރި ހަތިޔާރުއެޅި ޖަމަޢާތަކެވެ." މި ޖަމާޢަތުން ދެކުނު ޣައްޒާއިން ޣައްޒާ ސިޓީއަށް އެނބުރި އަންނަމުންދިޔަ ނިކަމެތި ރައްޔިތިުންތަކެއްވެސް ޝަހީދުކޮށްލިކަމަށް އެ މަސްދަރު ވިދާޅުވިއެވެ.

"މި 467 ދުވަހު އަހަރެން ކުރިމަތިލާންޖެހުނު ހުރިހާ މަންޒަރުތަކާއި ހާލަތްތައް އަހަރެންގެ ހަނދާނުން ފުހެވިގެނެއް ނުދާނެ. އަހަރެމެން ކުރިމަތިލާންޖެހުނު ހުރިހާ ހާލަތްތަކެއް އަހަރެމެންނަކަށް ހަނދާން ނައްތައެއް ނުލެވޭނެ،" ޞާލިޙް ޖެނުއަރީ މަހު އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ޞާލިޙް ފާހަގަ ކުރެވިފައިވަނީ ހަނގުރާމައިގެ ނުރައްކާތެރި ޙާލަތުގައިވެސް ކުޑަކުދިންނާއި ޒުވާނުންނަށް ހިތްވަރުދީ ހިތްހަމަ ޖައްސައިދިނުމަށް މަސައްކަތް ކުރި ނޫސްވެރިއެއްގެ ގޮތުގައެވެ. 

ނޫސްވެރިންނަށް އެންމެ މަރުގެ އަދަދު ގިނަ ހަނގުރާމައަކަށް ވެފައިވާ މި ހަނގުރާމައިގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މިހާތަނަށް 270 އަށްވުރެ ގިނަ މީޑިއާ މަސައްކަތްތެރިން ވަނީ ޝަހީދުވެފައެވެ. ޞާލިޙް ޝަހީދުވުމާއެކު، މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް މިޞްރުގެ ޝަރަމް އައް-ޝައިޚްގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ދުނިޔޭގެ ލީޑަރުން އެއްވަމުންދާކަން ފާހަގަކުރެވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން