Ads by Stelco

ޚަބަރު

ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައުލަތަށް 1.3 މިލިޔަން ރުފިޔާ ލިބިއްޖެ

ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައުލަތަށް 1.3 މިލިޔަން ރުފިޔާ ލިބިއްޖެ

ރާއްޖޭގެ ރިސޯޓެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޮކްޓޯބަރު 2025، 11:15

13 އޮކްޓޯބަރު 2025، 11:15

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައުލަތަށް 1.3 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 615،700 ރުފިޔާގެ އިތުރުވުމެކެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައުލަތަށް ބަލައިގަނެފައިވަނީ 1,307,100 ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 691,400 ރުފިޔާގައެވެ.

ރާއްޖޭގައި ކުރާ ފޮރިން އިންވެސްޓްމަންޓްތަކުގެ އިދާރީ ފީގެ ގޮތުގައި ނަގަނީ 5،000 ޑޮލަރެވެ. މި ރޭޓުން ބަލާއިރު، އަހަރުގެ މިހާތަނަށް 15 ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރީކޮށްފައިވާކަން ފާހަގަކުރެވެއެވެ. އަދި އަހަރުގެ މިހާތަނަށް ފޮރިން އިންވެސްޓްމަންޓް ފީގެ ގޮތުގައި 75,918 ޑޮލަރު ވަނީ ދައުލަތަށް ލިބިފައެވެ.

އިންވެސްޓްމަންޓް މާހައުލު ހަރުދަނާކުރުމަށް އައު ބަދަލުތައް

ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ޒަމާނީ ބަދަލުތަކާއެކު އައު ފޮރިން އިންވެސްޓްމަންޓް ޤާނޫނެއް ވަނީ ތަސްދީޤުކޮށްފައެވެ. މި ޤާނޫނުގެ ދަށުން ދިވެހިންގެ ހުނަރާއި ޤާބިލުކަން އިތުރުކަމަށް ބެލެވޭ ދާއިރާތައް ދިވެހިންނަށް ޚާއްޞަކޮށް، ބޭރުގެ އިންވެސްޓަރުންނަށް އެ ދާއިރާތަކުގެ ފުރުސަތު ވަނީ ހަނިކޮށްފައެވެ.

އަދި ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަށް އިންވެސްޓްކުރާ ފަރާތްތަކަށް "ރެސިޑެންސް ބައި އިންވެސްޓްމަންޓް" ޕްރޮގްރާމެއްގެ ދަށުން ރަށްވެހިކަމުގެ ވިސާ ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މި އިސްލާހީ ފިޔަވަޅުތަކާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް އަންނާނެކަމަށް ބެލެވެއެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން