ޚަބަރު
ކޮޕް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދަން ފަށައިފި

ކޮޕް ސަމިޓަށް ތައްޔާރުވުމަށް ބޭއްވި މަޝްވަރާގެ ތެރެއިން
އަންނަ މަހު ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް-30 ސަމިޓަށް ދިވެހިރާއްޖެއިން ތައްޔާރުވުމުގެ މަސައްކަތްތައް ފަށައިފިއެވެ.
މިގޮތުން ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް އަދި އިގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޮއާ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
ތިމާވެށީގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު ބައްދަލުވުމުގެ ގޮތުގައި ފާހަގަކުރެވޭ ކޮޕް ސަމިޓް މިއަހަރު އޮންނާނީ އަންނަ މަހުގެ 10 އިން 21 އަށް ބްރެޒިލްގައެވެ. މި ސަމިޓަކީ ދިވެހިރާއްޖެއިން ވެސް ވަރަށް އިސްކަންދޭ ބައްދަލުވުމެކެވެ.
ބްރިޓިޝް ހައި ކޮމިޝަނަރާއެކު ބޭއްވުނު ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާ ދެކޮޅަށް ދުނިޔެއިން ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ދައުރު ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ދެ ޤައުމު ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތަކާއި، ދިވެހިރާއްޖެއަށް މުހިންމު އެހެނިހެން ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ކޮޕް-30 ސަމިޓަށް ކުރަންޖެހޭ ތައްޔާރީތަކުގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަމުގެ މައްޗަށް އަލިއަޅުވާލެވުނެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ދެމެހެއްޓުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ޚިޔާލު ބަދަލުކުރެވުނެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރިގޮތުގައި މި ބައްދަލުވުމަކީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ދުނިޔެއިން ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ދައުރު ފުޅާކުރުމަށާއި، އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްވަރާތަކެކެވެ.