ޚަބަރު
ނޫމަރާގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: ރައީސް އޮފީސް
ށ. ނޫމަރާގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ފަށާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ނޫމަރާގައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއެވެ. މި ރަސްމިއްޔާތުގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސްވެރިންނާއި، ނޫމަރާ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ފުލުހުންގެ މަރުކަޒު ނެތް ގިނަ ރަށްރަށުގައި މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ މުޖުތަމަޢުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުން، އަދުގެ ސަރުކާރުން މިކަމަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ.