ޚަބަރު
ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅެނިކޮށް ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި!
ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނިކޮށް ހައްޔަރުކުރި މީހާ. ފޮޓޯ: ފުލުހުން
ހުޅުމާލޭގައި ހުރި ކަރަންޓު ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅެނިކޮށް ހައްޔަރުކުރި މީހާގެ ބަންދަށް، ކްރިމިނަލް ކޯޓުން 30 ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މިމައްސަލައާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން 27 އޮކްޓޯބަރު 2024ގައި ބުނެފައިވަނީ ހުޅުމާލޭ ފޭސް 2 ގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ޓްރާންސްފޯމަރެއްގެ ތެރެއަށް ވައްކަން ކުރަން މީހަކު ވަދެ އުޅުނު ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އެރޭ ފަތިހު 5:30 ހާއިރު ކަމަށެވެ.
މި މައްސަލައިގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި ފުލުހުން ހައްޔަރު ކޮށްފައިވަނީ ނ.މާޅެންދޫ، ފެހި އައްސޭރި އަހުމަދު ރިޝްފާނެވެ.
ފުލުހުން މިއަދު ބުނީ މައްސަލައިގައި ހައްޔަރުކުރި ރިޝްފާނުގެ ބަންދަށް އެންމެ ފުރަތަމަ ޖެހި 3 ދުވަސް ހަމަވުމާއި ގުޅިގެން އިތުރު 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އިއްޔެ އަމުރުކޮށްފައިވާ ކަމަށެވެ.
ސްޓެލްކޯއިން މީގެ ކުރިން ފޯމަރުތައް ބަހައްޓާފައި ހުންނަ ތަންތަނަށް ނުވަނުމަށް އިލްތިމާސްކޮށްފައިވެއެެވެ. އެ ކުންފުނިން ހުޅުމާލެ ފޭސް ދޭއްގައި ބަހައްޓާފައިހުރި ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މީހަކު މިއަހަރުގެ މާޗްމަހުގެ ތެރޭގައި ކަރަންޓުޖެހިގެން ނިޔާވެފައިވެސްވެއެވެ.