ދުނިޔެ
ޝަރަމް އަލް ޝައިޚް އަށް ވަޑައިގެންނެވުމުގެ ކުރިން ޓްރަމްޕް ޔައްފާއަށް

ނަތަންޔާހޫ ބެން ގަވިރް އެއަރޕޯޓުން ޓްރަމްޕަށް މަރުޙަބާ ކިޔަނީ
މިޞްރުގެ ޝަރަމް އަލް ޝައިޚްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޣައްޒާ-އިސްރާއިލް ޞުލްޙައިގެ އެއްބަސްވުމުގެ މަޝްވަރާތަކަށް ޝަރަމް އަލް ޝައިޚް އަށް ވަޑައިގެންނެވުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ފަލަސްޠީނުގެ ޔައްފާ (އިސްރާއިލުން ވެރިވެގަނެ ނަން ތެލް އަވީވް އަށް ބަދަލުކޮށްފައި) އަށް ވަޑައިގަންނަވައިފިއެވެ.
މި ޒިޔާރަތުގައި ކެނެސެޓްގައި ވާހަކަފުޅު ދެއްކެވުމަށްފަހު، ޣައްޒާގެ ހަނގުރާމަ ނިންމުމަށް ބާއްވާ ބައިނަލްއަޤްވާމީ ސަމިޓަށް މިޞްރުގެ ޝަރަމް އައް ޝައިޚަށް ޓްރަމްޕް ވަޑައިގަންނަވާނެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ބެން ގުރިއަން އެއަރޕޯޓުގައި ރައީސް ޓްރަމްޕް އިސްތިޤުބާލު ކޮށްފައެވެ.
ވައިޓް ހައުސްއިން އަލްޖަޒީރާއަށް މައުލޫމާތު ދެއްވިގޮތުގައި، ރައީސް ޓްރަމްޕް އިސްރާއީލަށް ވަޑައިގަތުމަށްފަހު ބައިނަލްއަޤްވާމީ ސަމިޓަށް މިޞްރަށް ވަޑައިގަންނަވާނެއެވެ. އަދި ހޯމަ ދުވަހުގެ ހެނދުނު އިސްރާއީލަށް ވަޑައިގަތުމަށްފަހު ކެނެސެޓްގައި ވާހަކަފުޅު ދައްކަވާނެކަމަށްވެސް ވައިޓް ހައުސްއިން ވަނީ ހާމަކުރައްވާފައެވެ.
ޕްރޮގްރާމް ތާވަލު ކުރެވިފައިވާ ގޮތުން، ރައީސް ޓްރަމްޕް އާއި ބޮޑުވަޒީރު ނެތަންޔާހޫ ކެނެސެޓްގައި ބައްދަލުވުމެއް ބާއްވަވާނެއެވެ. އޭގެފަހުން ހަނގުރާމައިގައި ހައްޔަރުކޮށްފައިވާ މީހުންގެ އާއިލާތަކާ ބައްދަލުކުރެއްވުމަށްފަހު، ޣައްޒާގެ ހަނގުރާމަ ނިންމުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް މިޞްރަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ފާއިތުވި ބުރާސްފަތި ދުވަހު ރައީސް ޓްރަމްޕް ވަނީ، އިސްރާއީލާއި ހަމާސްއާ ދެމެދު ހިންގުނު ނުސީދާ މަޝްވަރާތަކަށްފަހު، ހަނގުރާމަ ހުއްޓާލުމާއި ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމުގެ ޕްލޭންގެ ފުރަތަމަ މަރުހަލާއަށް އެއްބަސްވެފައިވާކަން އިއުލާނުކުރައްވާފައެވެ. މި މަޝްވަރާތައް ކުރިއަށް ގެންދެވުނީ ތުރުކވީިލާތް، މިޞްރު އަދި ޤަތަރުގެ ބައިވެރިވުމާއެކު، އެމެރިކާގެ ބެލުމުގެ ދަށުން ޝަރަމް އައް ޝައިޚްގައެވެ.