ޚަބަރު
ކަނޑިތީމުގައި ތަރައްޤީކުރާ ބީއެމްއެލް ބްރާންޗުގެ ބިންގާއަޅައިފި

ބިންގާއެޅުން/ފޮޓޯ: ރައީސް އޮފީސް
ށ. ކަނޑިތީމުގައި ތަރައްޤީކުރާ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބްރާންޗުގެ ބިންގާއަޅައިފި އެވެ.
ކަނޑިތީމުގައި ބީއެމްއެލްގެ ބްރާންޗުގެ ބިންގާއަޅާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކަނޑިތީމަށް ވަޑައިގެންނެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅުއްވާދެއްވީ ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް، ކަނޑިތީމު ކައުންސިލްގެ ރައީސްއެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ދައުލަތުގެ ވަޒީރުންނާއި، ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކިންގ ގެ ޚިދުމަތް ފުޅާ ކުރެއްވުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަކަށް ވީއިރު، މިކަން ހާޞިލުކުރުމުގެ ގޮތުން ރަށްރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ހަމަ އެހެންމެ، އަތޮޅުތަކުގައި ބައެއް ރަށްރަށުގައި ބީއެމްއެލްގެ ބްރާންޗު ޤާއިމް ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނައިރު، މިކަމުގެ ސަބަބުން ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ބޭންކިންގ ގެ ޚިދުމަތް ލިބިގެންދާނެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފުރަތަމަ ފަށާފައިވަނީ 2000 ވަނަ އަހަރުއެވެ. އަދި މާލެ ފިޔަވައި އަތޮޅުތަކަށް މި ޚިދުމަތް ފުޅާވާން ފަށާފައިވަނީ 2007 ވަނަ އަހަރުން ފެށިގެންނެވެ.