Ads by Stelco

ޚަބަރު

އާރްއެސްޑަބްލިޔު ސިސްޓަމް ޤާއިމްކުރުމަށް 40އަށްވުރެ ގިނަ ދޯންޏަށް ލޯނު ދޫކުރަން ނިންމައިފި

އާރްއެސްޑަބްލިޔު ސިސްޓަމް ޤާއިމްކުރުމަށް 40އަށްވުރެ ގިނަ ދޯންޏަށް ލޯނު ދޫކުރަން ނިންމައިފި

ދޯންޏެއްގައި ހަރުކޮށްފައި ހުރި އާރްެސްޑަބްލިޔު ސިސްޓަމެއް ވަޒީރު ޝިޔާމް އާއި އެކު ހިރިލަންދޫ ދަތުރުގެ އެހެން ބައިވެރިން ބައްލަވައިލައްވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޮކްޓޯބަރު 2025، 02:41

13 އޮކްޓޯބަރު 2025، 02:41

 އޮޑި ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް (އާރްއެސްޑަބްލިޔު) ޤާއިމްކުރުމަށް 40އަށްވުރެ ގިނަ މަސްވެރިންނަށް ލޯނު ދޫކުރުމަށް ނިންމާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

އެ ވުޒާރާގެ ޕްރޮޖެކްޓް މެނޭޖަރ މުސްލިމާ އިބްރާހީމް ދީދީ ޕީއެސްއެމް ނިއުސްއަށް ވިދާޅުވެފައިވަނީ، މިހާތަނަށް 79 އަށްވުރެ ގިނަ މަސްވެރިން މި ލޯނަށް އެދި ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 41 އެޕްލިކޭޝަން ވަނީ ފާސްކޮށްފައެވެ.

ދިވެހި މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަމާއި ތެލުގެ އަގު ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން މި ލޯނު ޕްރޮގްރާމް ވަނީ ތަޢާރަފުކޮށްފައެވެ. އަދި މި ލޯނު ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ޝަރުތުތައްވެސް ވަނީ ލުއިކޮށްދީފައެވެ.

އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ މި ލޯނުގެ ދަށުން، ރަހުނަކާ ނުލައި އެއް ލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގުމުގެ ފުރުސަތު ލިބެއެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު 10 އަހަރުގެ މުއްދަތެއް ދެވޭނެއެވެ.

މި އައު ފުރުސަތުގެ ދަށުން، ދޯނިތަކުގައި ސޯލާ ނިޒާމާއި ޖެނެރޭޓަރު ގަތުމަށްވެސް ފުރުސަތު ދެވެއެވެ. އަދި ކްރެޑިޓް ހިސްޓްރީ ބަލާ މުއްދަތު އެއް އަހަރުން ތިން މަހަށް ވަނީ ކުޑަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ މަސްވެރިކަމުގެ ދުވަހުގެ ކުރިން އިތުރު 200 މަސްވެރިންނަށް އާރްއެސްޑަބްލިޔު ސިސްޓަމްތައް ޤާއިމްކުރުމަށް އިތުރު ލޯނު ޕްރޮގްރާމެއް ހުޅުވާލާނެކަމަށް އިޢުލާންކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ ހުރިހާ މަސްދޯންޏެއްގައިވެސް މި ނިޒާމު ޤާއިމްކުރުމެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން