ޚަބަރު
ކަނޑިތީމުގައި ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފި

ބިންގާއެޅުން/ފޮޓޯ: ރައީސް އޮފީސް
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމުގައި ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
ކަނޑިތީމުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެރަށުގެ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު، އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ. މި ސެންޓަރުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ދައުލަތުގެ ވަޒީރުންނާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާހު އާއި، ކަނޑިތީމު ކައުންސިލްގެ ރައީސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި ސަރުކާރުގެ އަމާޒަކީ ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފިޓްނެސް ސެންޓަރުތައް ހުޅުވުން ކަމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު މީގެކުރިން ވިދާޅުވެފައި ވެއެވެ. ހަމަ އެހެންމެ، މި ސެންޓަރުތަކުގައި އިންޑޯ ޖިމަކާއި އެރޮބިކްސް ފަދަ ކަސްރަތުތަކާއި ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށްވެސް ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ކަނޑިތީމުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމްކުރުމަކީ، އެރަށުގެ ޒުވާނުން ނުހަނު ބޭނުންވާ ކަމެކެވެ. އަދި މި ސެންޓަރު ޤާއިމްކުރެވިގެންދިޔުމަކީ، އެރަށުގެ ތަރައްޤީއަށް އިތުރު ހަރުފަތަކަށް ގެންދާނެ ކަމެކެވެ.