ދުނިޔެ
ޑަބްލިޔުއެފްޕީ އިން ޣައްޒާ އަށް ފޯރުކޮށްދޭ އެހީގެ ތަކެތި އިތުރުކުރަނީ

ޣައްޒާ އަށް އެހީ ވައްދާ ޓްރަކްތައް
ދުނިޔޭގެ ކާބޯތަކެތީގެ ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ޣައްޒާގައި އެހީ ބޭނުންވެފައިވާ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ހިންގާ އޮޕަރޭޝަންތައް ފުޅާކުރާނެ ކަމަށް ބުނެފިއެވެ.
ހަނގުރާމަ ހުއްޓުމާ ގުޅިގެން އިންސާނީ އެހީ ފޯރުކޮށްދޭ އޭޖެންސީތަކަށް އެހީ ބޭނުންވެފައިވާ ރައްޔިތުންނާ ހަމައަށް ވާސިލުވުމުގެ މަގު ފަހިވެގެން ދާނެއެވެ.
އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ޣައްޒާގައި އެތައް ސަތޭކަ އާއިލާތައް ވަނީ ނިކަމެތިކަމާއި ބަނޑުހައިހޫނުކަމުގައި އުޅެން ޖެހިފައެވެ. އދ. ގެ ކާބޯތަކެތީގެ ޕްރޮގްރާމުން ބުނެފައިވާ ގޮތުގައި ޣައްޒާގެ އެކި ސަރަހައްދުތަކުގައި 145 ޕޮއިންޓެއް މެދުވެރިކޮށް އެހީ ބެހުމުގެ މަސައްކަތް ފުޅާކުރާނެއެވެ.
ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި 1.6 މިލިއަން މީހުންނަށް (320،000 އާއިލާއަށް) ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި ރޮށި، ފުށް އަދި އާއިލާތަކަށް ބޭނުންވާ ކާބޯތަކެތީގެ ޕެކެޖްތައް ހިމެނެއެވެ. އަދި މިހާރު 10 ބޭކަރީއަށް ދެމުންދާ އެހީ ކުރިއަށް އޮތް ހަފްތާތަކުގައި 30 ބޭކަރީއަށް އިތުރުކުރުމަށް ވަނީ ރޭވިފައެވެ.
މިހާރުވެސް ދުވާލަކު 100،000 ރޮށި އުފައްދައި، އެހީ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެމުން ދެއެވެ. މީގެ އިތުރުން މާބަނޑު އަންހެނުންނާއި ކިރުދޭ މައިންނަށް ދެމުންދާ އެހީވެސް އިތުރުކުރުމަށް ވަނީ ރޭވިފައެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ނެތް ފަރާތްތަކަށް، ޚާއްސަކޮށް އަންހެނުން، ހުވަފަތްވެފައިވާ އަންހެނުން، ދަރިން ބަލަހައްޓާ މައިން، ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިލެކްޓްރޯނިކް ފައިސާގެ އެހީ ފޯރުކޮށްދެވޭނެއެވެ. މިހާރުވެސް 140،000 މީހުންނަށް މި އެހީ ލިބެމުންދެއެވެ.
ޣައްޒާއަށް ވަނުމަށް 170،000 މެޓްރިކް ޓަނުގެ ކާބޯތަކެތި ތައްޔާރުކުރެވިފައިވާ ކަމަށާއި، މިއީ ޣައްޒާގެ 2 މިލިއަނަށްވުރެ ގިނަ އާބާދީއަށް 3 މަސްދުވަހުގެ މުއްދަތަށް ފުދޭވަރުގެ ޢަދަދެއް ކަމަށް ޑަބްލިއުއެފްޕީން ބުނެފައިވެއެވެ.