Ads by Stelco

ޚަބަރު

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހެޅުއްވި 4 ނަމަށް މަޖިލީހުން ރުހުން ދީފި

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހެޅުއްވި 4 ނަމަށް މަޖިލީހުން ރުހުން ދީފި

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޮކްޓޯބަރު 2025، 06:25

13 އޮކްޓޯބަރު 2025، 06:25

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި 4 ނަމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. 

 މި ނަންތަކަށް ރުހުން ދެއްވާފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ ބޭފުޅުންނަށް ރުހުން ދިނުމަށް ފެންނަކަމަށް ނިންމެވުމާ ގުޅިގެންނެވެ.

ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ހުށަހަޅުއްވާފައިވާ ބޭފުޅުންނަކީ އަލްއުސްތާޛް ޝުޢައިބް ޢަބްދުއްރަޙްމާން، އަލްއުސްތާޛް ޝިފާޒް އަލީ، އަލީ މުޙައްމަދު މަނިކު އަދި ފާތިމަތު ޝަރީފެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ހަތަރު ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށްފަހު، ކޮންމެ ބޭފުޅަކަށްވެސް ވަނީ 75 އިންސައްތައަށްވުރެ މަތިން މާކްސް ދެއްވާފައެވެ.

މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ މި ހަތަރު ބޭފުޅުންނަށް ރުހުން ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މި ބޭފުޅުންގެ ނަންތައް ހުށަހެޅުއްވީ އެ ކޮމިޝަންގެ 4 މެންބަރެއްގެ މަގާމުގެ މުއްދަތު މި މަހުގެ 26 ވަނަ ދުވަހު ހަމަވާތީއެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް މެންބަރުން ހޮވުމަށް އާންމުކޮށް ހުޅުވާލުމަށްފަހު ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ނަންތަކަށް މިހާރު ވަނީ މަޖިލީހުގެ ރުހުން ލިބިފައެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަކީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، އެ އިދާރާތަކާ ގުޅޭ މައްސަލަތައް ބެލުމުގެ އުސޫލުތައް ކަނޑައަޅައި، އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅު އެޅުމުގެ މަސްއޫލިއްޔަތު އަދާކުރާ މިނިވަން މުއައްސަސާއެކެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން