ޚަބަރު
ށ. ގޮއިދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފި

ބިންގާއެޅުން/ފޮޓޯ: ރައީސް އޮފީސް
މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫގައި އަލަށް ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
ގޮއިދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެރަށުގެ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު، އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ. މި ސެންޓަރުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ދައުލަތުގެ ވަޒީރުންނާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާހު އާއި، ގޮއިދޫ ކައުންސިލްގެ ރައީސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި ސަރުކާރުގެ އަމާޒަކީ ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފިޓްނެސް ސެންޓަރުތައް ހުޅުވުމެވެ. އެގޮތުން، މި ސެންޓަރުތަކުގައި އިންޑޯ ޖިމަކާއި އެރޮބިކްސް ފަދަ ކަސްރަތުތަކާއި ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.
ގޮއިދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމްކުރުމަކީ، އެރަށުގެ ޒުވާނުން ނުހަނު ބޭނުންވާ ކަމެކެވެ. އަދި މި ސެންޓަރު ޤާއިމްކުރެވިގެންދިޔުމަކީ، އެރަށުގެ ތަރައްޤީ އިތުރު ހަރުފަތަކަށް ގެންދާނެ ކަމެކެވެ.