ދުނިޔެ
ދެކުނު އެފްރިކާގެ ފަރުބަދަ ސަރަހައްދެއްގައި ހިނގި ބަސް އެކްސިޑެންޓެއްގައި 42 މީހުން މަރުވެއްޖެ

ސައުތް އެފްރިކާ
ދެކުނު އެފްރިކާގެ އުތުރު ސަރަހައްދުގައި ހުރި ފަރުބަދަމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަދުވެގެން 42 މީހުން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ލިމްޕޯޕޯ ޕްރޮވިންސްގެ މަކާދޯ ރަށާ ކައިރީގައި ހުރި އެން1 ހައިވޭގައި އިއްޔެ ރޭއެވެ.
ގްކެބެރާ އިން ޒިމްބާބުވޭ އަދި މަލާވީއަށް ދަތުރުކުރަމުންދިޔަ ބަހެއް ފަރުބަދައިގެ ތިލަފަސްގަނޑަށް ވެއްޓި، އަނބުރާލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 18 އަންހެނުންނާއި، 17 ފިރިހެނުންނާއި އަދި 7 ކުޑަކުދިން ހިމެނެއެވެ. މީގެ ތެރޭގައި 10 މަސްދުވަހުގެ ކުޑަކުއްޖަކުވެސް ހިމެނޭކަމަށް ލިމްޕޯޕޯ ޕްރޮވިންސްގެ ޓްރާންސްޕޯޓް އޮފިޝަލް ވައިލެޓް މަތީ ވަނީ ހާމަކޮށްފައެވެ.
އިމަޖެންސީ ކްރޫތަކުން ވަނީ މުޅި ރޭގަނޑު މަސައްކަތްކޮށް، ހާދިސާގައި ޖެހުނު މީހުން ސަލާމަތްކޮށް، 30 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އަނބުރާލާފައިވާ ބަހުގެ ތެރޭގައި އިތުރު މީހުން ތިބުމުގެ ފުރުސަތު އޮތްކަމަށް އޮތޯރިޓީތަކުން ބުނެއެވެ.
ލިމްޕޯޕޯގެ ޕްރިމިއަރ ފޯފީ ރަމަތުބާ ވަނީ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކޮށް، ހޮސްޕިޓަލުގައި ތިބި ސަލާމަތްވި މީހުންނާ ބައްދަލުކޮށްފައެވެ. "އެއް ހާދިސާއެއްގައި މިހާ ގިނަ މީހުން މަރުވުމަކީ ވަރަށް ހިތާމަވެރި ކަމެއް،" ރަމަތުބާ ވިދާޅުވިއެވެ.
މި ހާދިސާ ހިނގި ސަބަބު ބެލުމަށް ތަހުޤީޤެއް ފަށާފައިވާ ކަމަށާއި،ޑްރައިވަރު ވަރުބަލިވެފައި ހުރުން ނުވަތ ބަހުގެ މެކޭނިކަލް މައްސަލައެއް ހުރުން އެކަށީގެންވާ ކަމަށް ފުރަތަމަ ބެލުމުން ފާހަގަކުރެވޭ ކަމަށް އޮތޯރިޓީތަކުން ބުނެއެވެ. ދެކުނު އެފްރިކާގެ މަގުތަކަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި މަގުތަކުގެ ތެރެއިން މަގުތަކެއް ކަމަށާއި، ކޮންމެ އަހަރަކު ހާދިސާތަކުގައި ހާހުން މީހުން މަރުވާ ކަމަށް ފާހަގަކުރެވެއެވެ.