ކުޅިވަރު
ތަޖިކިސްތާންއާ ދެކޮޅަށް ރާއްޖޭގައި ކުޅޭ މެޗަށް ޤައުމީ ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި: މޯހަން

ނޫސްވެރިންގެ ބައްދަލުވުމުގައި ޤައުމީ ޓީމު ކޯޗު މުހަންމަދު ޝިޔާޒު (މޯހަން) / ފޮޓޯ: އެފްއޭއެމް
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ތަޖިކިސްތާންއާ ދެކޮޅަށް ރާއްޖޭގައި ކުޅޭ މެޗަށް ޤައުމީ ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައިކަމަށް، ޓީމުގެ ކޯޗު މުހަންމަދު ޝިޔާޒު (މޯހަން) ބުނެފިއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ، ޓީމުގައި މިވަގުތު އަނިޔާގެ މައްސަލައެއްނެތްކަމަށާއި، އެހެންނަމަވެސް ދެ ރީނދޫ ކާޑު ހަމަވެފައިވުމުގެ ސަބަބުން އައިސަމްއަށް ނުކުޅެވޭ ކަމަށެވެ. އެހެންކަމުން މެޗުގެ ތެރެއިން ކޮންމެވެސް ވަރަކަށް ޕޮޒިޝަންތަކަށް ކުދިކުދި ބަދަލުތަކެއް އައިސްދާނެކަމަށް ކޯޗު ފާހަގަކުރިއެވެ.
މި ދެ ޓީމު ތަޖިކިސްތާނުގައި މި މަހުގެ 9ވަނަ ދުވަހު ކުޅުނު މެޗަށް އަލިއަޅުވާލަމުން މޯހަން ބުނީ، އެ މެޗުގައި ޓީމުން ދެއްކި ކުޅުން ރަނގަޅު ކަމަށާއި، ނަމަވެސް މެޗުން ބަލިވީ ކުދިކުދި ގޯސްތައް ހެދިގެންކަމަށެވެ.

އެ މެޗުން ރާއްޖެ ބަލިވީ 2-0 އިންނެވެ. އަދި އެ ޓީމުން ދެ ގޯލު ވެސް ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފެވެ.
މޯހަން ބުނީ ތަޖިކިސްތާނަކީ ރަގަޅު ޓީމެއް ކަމަށާއި، ނަމަވެސް ޤައުމީ ޓީމުން އެ ޓީމާ ދެކޮޅަށް ދެއްކި ކުޅުމާއި މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށެވެ. އަދި އެ މެޗުގައި ކުޅުންތެރިން ދައްކުވައިދިން ކުޅިވަރު އަޚުލާޤުގެ ވާހަކަ ވެސް މޯހަން ފާހަގަކުރިއެވެ.
"ތަޖިކިސްތާނަކީ އާދައިގެ ގައުމެއް ނޫން ފުޓްބޯޅައިގައި ބަލާ ކަމަށްވެއްޖިއްޔާމު އެންމެފަހުގެ އޭޝިއަން ކަޕް ރައުންޑް އޮފް 16 ގަ ޕެނަލްޓީ ޖަހައިގެން ބަލިވެފަ މިއޮތީ. އެހެންވީމަ ވަރަށް ގަދަ ގައުމެއްގެ ވާހަކަ މިދައްކަނީ އަޅުގަނޑުމެން ކުޅެންޖެހޭ މެޗު. އިރާދަކުރެއްވިއްޔާމު ފުލީ ޕްރިޕެއާރޑްއޭ ބުނާނީ" ކޯޗު މޯހަން ބުންޏެވެ.
މި ބައްދަލުވުމުގައި މޯހަން ވަނީ ޓީމުގެ ކުޅުންތެރިން ޕްރެކްޓިސްތަކަށް ފަރުވާތެރިވެ، މެޗުން ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ގަދައަޅާ މަސައްކަތްކުރަމުން އަންނަކަން ވެސް ފާހަގަކޮށްފައެވެ.
ގަލޮޅު ދަނޑުގައި ޤައުމީ ޓީމު ނުކުޅޭތާ ދެ އަހަރު ފަހުން މާދަމާ މެޗަކަށް ނިކުންނައިރު، މޯހަންގެ އުއްމީދަކީ މެޗުން ބަލިނުވެ، ރަނގަޅު ނަތީޖާއަކާއެކު ދަނޑުން ފޭބުމެވެ.