ޚަބަރު
މިދިޔަ ހަފްތާގައި ކިރުވި މަަހަށް 9.5 މިލިއަން ރުފިޔާ ދޫކުރި

ދިވެހި މަސްދޯންޏެއް
މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 9.5 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފްތާގައި 276 ދޯންޏަކުން ވަނީ މަސްކިރުވާފައެވެ.
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ އޭގެ ކުރީ ހަފްތާގައި މަސްކިރުވި 235 ދޯނީގެ އަދަދާ އަޅާބަލާއިރު 17.4 އިންސައްތައިގެ އިތުރުވުމެކެވެ. ނަމަވެސް، މަސްވެރިންނަށް ދޫކުރެވުނު ފައިސާގެ އަދަދު ވަނީ 3.04 އިންސައްތަ ދަށްވެފައެވެ. މިގޮތުން މިދިޔަ ހަފްތާގައި މަސްވެރިންނަށް ޖުމްލަ 9,543,442 ރުފިޔާ ދޫކުރެވުނުއިރު، އޭގެ ކުރީ ހަފްތާގައި ދޫކުރެވިފައިވަނީ 9,843,469 ރުފިޔާއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ދޫކުރެވިފައިވަނީ ހޮނިހިރު ދުވަހުއެވެ. އެދުވަހު 53 ދޯންޏަކުން މަސްކިރުވާފައިވާއިރު، އެ ދޯނިތަކަށް ޖުމްލަ 2,161,726 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖެއިން 57,318 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 90.3 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ތާޒާ އަދި ފިނިކުރި ކަނޑުމަހުގެ ގޮތުގައި 51,624 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ތަރައްޤީކޮށް، އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ސަރުކާރުގެ އަމާޒަކީ އަންނަ 3 އަހަރުގެ ތެރޭގައި މަސް ޕްރޮސެސިންގ ކެޕޭސިޓީ 9 ގުނައަށް އިތުރުކުރުން ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.