ދުނިޔެ
ޝަރަމް އައް ޝަައިޚްގައި ސޮއި ކުރެވުނު އެއްބަސްވުމުގައި ހުރި ކަންކަން ވައިޓް ހައުސްއިން އާންމުކޮށްފި

ޑޮނަލްޑް ޓްރަމްޕް
މިޞްރުގެ ޝަރަމް އައް ޝައިޚްގައި ހޯމަ ދުވަހު ބޭއްވުނު ސަމިޓުގައި އެމެރިކާ، ޤަޠަރު، މިޞްރު އަދި ތުރުކީވިލާތުގެ ވެރިން ޙަމާސް އަދި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމާ ގުޅޭ ފުރިހަމަ ލިޔުމެއްގައި ސޮއިކޮށްފިއެވެ.
ޝަރަމް އައް ޝައިޚްގައި މެދުވެރިން ސޮއިކުރި މި ޔަޤީންކަމުގެ ލިޔުމުގައި، ޣައްޒާގެ ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމަށް ފަހު އެސަރަޙައްދުގައި ސުލްޙަ އަދި ކުރިއެރުން ގެނައުމާ ގުޅޭ މާއްދާތައް ހިމެނިފައިވާކަމަށް ވައިޓް ހައުސްއިން ހާމަކޮށްފައިވެއެވެ.
މި ލިޔުމުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުވެރިކަމުގައި ވެވުނު ސުލްޙައިގެ އެއްބަސްވުމަށް ހުރިހާ ފަރާތްތަކުން ތާރީޚީ އިލްތިޒާމެއް ވެ، އެއަށް ޢަމަލުކުރުމަށް އެއްބަސްވެފައިވެއެވެ. މި އެއްބަސްވުމަކީ 2 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދެމިގެންދިޔަ ވޭން އަދި ގެއްލުންތަކަށް ނިމުމެއް ގެނެސް، ސަރަޙައްދަށް އުއްމީދު، ސަލާމަތްތެރިކަން އަދި ސުލްޙައާއި ކުރިއެރުމުގެ އާ ބާބެއް ހުޅުވައިދޭ އެއްބަސްވުމެކެވެ.
މި ލިޔުމުގައި، ދެމެހެއްޓެނިވި ސުލްޙައަކީ ފަލަސްތީނުގެ ރައްޔިތުންނާއި އިސްރާއީލުގެ ރައްޔިތުންނަށް އެމީހުންގެ އަސާސީ އިންސާނީ ޙައްޤުތައް ކަށަވަރުވެ، ސަލާމަތްތެރިކަން ރައްކާތެރިކުރެވި، ޢިއްޒަތް ހިފެހެއްޓޭ ގޮތަށް ކުރިއަރައި ދިއުމުގެ ފުރުޞަތު ލިބިދޭ ސުލްޙައެއްކަމަށް ބަޔާންކޮށްފައިވެއެވެ.
އަދި މުސްތަޤުބަލުގައި ދިމާވާ ޚިލާފުތައް ހައްލުކުރުމުގައި ބާރުގެ ބޭނުންކުރުމުގެ ބަދަލުގައި ޑިޕްލޮމެޓިކް މަޝްވަރާތަކާއި މުޢާހަދާތަކުގެ ތެރެއިން ކުރިއަށް ދިއުމަށް ސޮއިކުރި ފަރާތްތަކުން އެއްބަސްވެފައިވެއެވެ. މެދުއިރުމަތީގެ ސަރަޙައްދަށް ދިގު މުއްދަތުގެ ހަނގުރާމަތަކެއް ނުވަތަ ނާކާމިޔާބު މަޝްވަރާތަކެއް ތަޙައްމަލު ނުކުރެވޭނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އައް-ސީސީ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްވެރިކަމުގައި "ޝަރަމް އައް ޝައިޚް ސުލްޙަ ސަމިޓް" ގެ ނަމުގައި ބޭއްވުނު މި ބައްދަލުވުމުގައި 31 އަށްވުރެ ގިނަ ޤައުމުތަކާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިސްވެރިން ބައިވެރިވެފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމާއި، ހަނގުރާމައިގެ ބަންދީން ދޫކޮށްލުމާއި، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި، އަދި ޣައްޒާގެ ކަންކަން ހިންގުމަށް ވަގުތީ ފަލަސްތީނު އިދާރާއެއް އުފެއްދުން ހިމެނެއެވެ.
މި ސަމިޓުން ހަމަޖެހުން ދެމެހެއްޓުމަށާއި، އަލުން އިމާރާތްކުރުމުގެ އައު މަރުޙަލާއެއް ފެށުމަށް މަގުފަހިވެ، މުޅި ސަރަޙައްދުގައި ޝާމިލް ސުލްޙައެއް ޤާއިމުކުރުމަށް މަގުފަހިވާނެކަމަށް އުއްމީދުކުރެވެއެވެ.
ވޭތުވެދިޔަ ބުރާސްފަތި ދުވަހު، ރައީސް ޓްރަމްޕް ވަނީ އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގި ނުސީދާ މަޝްވަރާތަކަށްފަހު، ހަނގުރާމަ ހުއްޓާލުމާއި ބަންދީން ދޫކޮށްލުމުގެ ޕްލޭންގެ ފުރަތަމަ މަރުޙަލާއަށް އެއްބަސްވެވުނު ކަމަށް އިޢުލާނުކުރައްވާފައެވެ. މި މަޝްވަރާތައް ކުރިއަށްގެންދެވުނީ ޝަރަމް އައް ޝައިޚްގައި، ޤަޠަރު، ތުރުކީ އަދި މިޞްރުގެ ބައިވެރިވުމާއެކު، އެމެރިކާގެ ބެލުމުގެ ދަށުންނެވެ.