Ads by Stelco

ޚަބަރު

އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 134.2 މިލިޔަންގެ ބަޖެޓެއް ފާސްކޮށްފި

އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 134.2 މިލިޔަންގެ ބަޖެޓެއް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ގައި މަޖިލީހުގެ ރައީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޮކްޓޯބަރު 2025، 11:38

14 އޮކްޓޯބަރު 2025، 11:38

އޮޑިޓަރ ޖެނެރަލް އޮފީހަށް 2024 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 134.2 މިލިޔަން ރުފިޔާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

 މިއީ އެ އޮފީހުގެ ތާރީޚުގައި ފާސްކުރި އެންމެ ބޮޑު ބަޖެޓެވެ. މަޖިލީހުން މި ބަޖެޓު ފާސްކުރީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ އިއްތިފާޤުންނެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ހުށަހެޅުއްވި ބަޖެޓަކީ މިއަހަރަށް ފާސްކުރި ބަޖެޓަށްވުރެ 20 މިލިޔަން ރުފިޔާ އިތުރު ބަޖެޓެކެވެ. މީގެ ތެރޭގައި ރިކަރަންޓް ޚަރަދާއި އޮފީސް ހިންގުމަށް 92.7 މިލިޔަން ރުފިޔާ އަދި ޕީއެސްއައިޕީގެ ގޮތުގައި 41.5 މިލިޔަން ރުފިޔާ ހިމެނެއެވެ.

މާލިއްޔަތު ކޮމިޓީގައި އޮޑިޓް އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި، ބަޖެޓު އިތުރުކުރަން ޖެހުނު މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެކި ޑިޕާޓްމަންޓުތަކަށް ސީނިއަރ އޮޑިޓަރުން ނެގުމާއި، މުވައްޒަފުން ނޭޝަނަލް ޕޭ ފްރޭމްވަރކަށް ބަދަލުކުރުމާ ގުޅިގެން މުސާރައަށް އައި 9.1 މިލިޔަން ރުފިޔާގެ އިތުރުވުން ހިމެނެއެވެ. މިހާރުވެސް 22 ޑިޕާޓްމަންޓުގެ ތެރެއިން ހަތް ޔުނިޓުގެ މަސައްކަތް ކުރަމުންދަނީ ސީނިއަރ އޮޑިޓަރެއް ނެތިއެވެ.

މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވިގޮތުގައި، އޮޑިޓް އޮފީހުގެ އައު އިމާރާތުގެ މަސައްކަތް 2024 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ނިމޭނެކަމަށް ލަފާކުރެވެއެވެ. އަދި މިއާއެކު އެ އޮފީހަށް ދިމާވެފައިވާ ޖާގައިގެ ދަތިކަންވެސް ހައްލުވެގެންދާނެއެވެ.

"މިހާރަކު އޮޑިޓަރ ޖެނެރަލަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ އޮޑިޓް ކުރުމުގައި އެ ބޭފުޅުން ބޭނުންވާ ބަޖެޓު ނެތިގެން، ފައިސާ ނެތިގެން، އޮފީސް އިމާރާތެއް ނެތިގެން، ދަތިވެގެން އެއްވެސް ކަމެއް ނުކުރެވުމަށް. އެހެންވީމަ އަޅުގަނޑު ދަންނަވަން އޮތީ ކުރިއަށް އޮތްތަނުގައި އޮޑިޓް ރިޕޯޓުތައް ވަރަށް ފުރިހަމަވެގެން ނުކުމެގެންދާނެ," ސަލީމް ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާ ވަކިން މަޖިލީހަށް ހުށައަޅަންޖެހޭ ބަޖެޓެކެވެ. މަޖިލީހުން މި ބަޖެޓު ފާސްކުރުމާއެކު، މި އަދަދު މާލީ ވުޒާރާއިން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާނެއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން