ދުނިޔެ
މަޑަގަސްކަރައިގައި ކުރަމުންދާ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން އެޤައުމުގެ ރައީސް ފިއްލަވައިފި

މަޑަގަސްކަރައިގެ ރައްޔިތުން މުޒާހަރާ ކުރަނީ
މަޑަގަސްކަރައިގައި ހިނގަމުންދާ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން އެ ޤައުމުގެ ރައީސް އެންޑްރީ ރަޖޮލީނާ ރައްކާތެރިކަމަށްޓަކައި ފިއްލަވައިފިއެވެ.
މިކަން އޭނާ ކަށަވަރުކޮށްދީފައިވަނީ ހޯމަ ދުވަހު ފޭސްބުކް ލައިވް ގައި ދެއްކެވި ވާހަކަފުޅުގައެވެ.
51 އަހަރުގެ ރައީސް ރަޖޮލީނާ ވަނީ އޭނާ މިހާރު ހުރި ތަން ހާމަނުކުރުމަށް ނިންމާފައެވެ. ހޯމަ ދުވަހު ޓެލެވިޜަން މެދުވެރިކޮށް ޤައުމާ މުޚާތަބުކުރަން ހަމަޖެހިފައިވަނިކޮށް، "ހަތިޔާރުއެޅި ބަޔަކު ސަރުކާރުގެ މީޑިއާގެ ބާރު ހޯދަން މަސައްކަތްކުރުމާ" ގުޅިގެން އެ ތަޤިރީރު ލަސްކުރަން ޖެހުނު ކަމަށް ރައީސްގެ އޮފީހުން ބުނެފައިވެއެވެ.
ޔޫއެން އިން ބުނާ ގޮތުގައި މުޒާހަރާކުރާ ފަރާތްތަކާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ހަމަނުޖެހުން ތަކުގައި މަދުވެގެން 22 މީހުން ވަނީ މަރުވެފައެވެ. މި ކަމާ ގުޅިގެން ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ރައީސް ރަޖޮލީނާ ފްރާންސްގެ އެހީގައި ޤައުމުން ބޭރަށް ގެންދިޔަކަން އޭނާ ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މުޒާހަރާތައް ފެށިފައިވަނީ ސެޕްޓެމްބަރު 25 ގައި ކަރަންޓާއި ފެނުގެ ޚިދުމަތް މެދުކެނޑުމާ ގުޅިގެންނެވެ. ނަމަވެސް އޭގެ ފަހުން މުޒާހަރާތައް ބަދަލުވެގެން ގޮސްފައިވަނީ ދިރިއުޅުމުގެ އަގުބޮޑުވުމާއި، ފަގީރުކަމާއި، ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށެވެ. އަދި ގިނަ ބަޔަކު ގޮވާލަމުންދަނީ ރައީސް ރަޖޮލީނާ އިސްތިއުފާ ދިނުމަށެވެ.
ހޯމަ ދުވަހު ސަތޭކަ އަކަށް މީހުން - ސިފައިންނާއި ސަލާމަތީ ބާރުތަކުގެ މެންބަރުންނާއެކު - ވަނީ އަނަންޓަނަރިވޯގެ ސިޓީ ހޯލް ކުރިމަތީގައި އެއްވެ، ދިދަ ނަގައި އިހްތިޖާޖް ކޮށްފައެވެ. މުޒާހަރާގައި ބައިވެރިވި ފިނަރިޓްރާ މަނިޓްރާ އެންޑްރިއަނަމެލަސޯއާ ވާހަކަދައްކަމުން އޭއެފްޕީއަށް ބުނެފައިވަނީ ރައީސް މަޢާފަށް އެދި، ތެދުވެރިކަމާއެކު އިސްތިއުފާ ދިނުމަށް އުއްމީދުކުރާ ކަމަށެވެ.