ދުނިޔެ

އިސްރާއިލުން ފަލަސްޠީނުގެ 2000އެއްހާ އަސީރުން މިނިވަންކޮށްފި

އިސްރާއިލުން ފަލަސްޠީނުގެ 2000އެއްހާ އަސީރުން މިނިވަންކޮށްފި

އިސްރާއިލުން މިނިވަންކުރި ފަލަސްޠީނުގެ ބައެއް އަސީރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޮކްޓޯބަރު 2025، 01:31

14 އޮކްޓޯބަރު 2025، 01:31

އިސްރާއީލުން ފަލަސްޠީނުގެ  1،968 އަސީރުން މިނިވަން ކޮށްފިއެވެ.

މިއީ ޣައްޒާގެ ފަލަސްތީނު މުޤާވަމާއާއެކު ކުރެވުނު އެންމެ ފަހުގެ ބަންދީން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުންނެވެ. މިގޮތުން މިނިވަންކުރެވުނު މީހުންގެ ތެރޭގައި އުމުރަށް ޖަލަށްލާފައި ތިބި 250 މީހުންނާއި، އިސްރާއީލުގެ ޤަޠުލްޢާންމުގެ ތެރޭގައި ޣައްޒާއިން ހައްޔަރުކުރި 1،718 މީހުން ހިމެނެއެވެ.

ފަލަސްތީނު ޕްރިޒަނާސް އެފެއާޒް އޮތޯރިޓީއާއި ފަލަސްތީނު ޕްރިޒަނާސް ކްލަބުން ހާމަކުރި ގޮތުގައި މިއީ ޤަޠުލުޢާންމު ފެށުނު ފަހުން ކުރެވުނު އަސީރުން ބަދަލުކުމުގެ ތިންވަނަ ބުރެވެ. މީގެ ކުރިން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު 240 އަސީރުންނާއި 2025 ވަނަ އަހަރުގެ ކުރީކޮޅު 1،777 އަސީރުން މިނިވަންކުރެވުނެވެ. މިއާއެކު ޖެނޮސައިޑް ފެށުނު ފަހުން ޖުމްލަ 3،985 ބަންދީން ވަނީ މިނިވަންކުރެވިފައެވެ.

އިސްރާއީލުގެ ޖަލުތަކުގައި އަނިޔާ، ބަލިމަޑުކަމާއި ބަނޑަށްޖެއްސުން

މި ބަދަލުކުރުންތަކާއެކުވެސް، އަދިވެސް 9،100 އަށްވުރެ ގިނަ ފަލަސްތީނުން އިސްރާއީލުގެ ބަންދު ކޭމްޕުތަކުގައި ސިސްޓަމެޓިކް އަނިޔާއާއި ލާއިންސާނީ އަމަލުތަކާ ކުރިމަތިލަމުންދެއެވެ. ފަލަސްތީނު ބަންދީންނަށް ތަޅައި އަނިޔާކުރުމާއި، ކަރަންޓުގެ ޝޮކް ދިނުމާއި، ޖިންސީ ގޯނާކުރުމާއި، ބަނޑަށް ޖެއްސުމާއި، ބޭސްފަރުވާ ނުދިނުން ފަދަ އަނިޔާތަކާ ކުރިމަތިލާން ޖެހެއެވެ. ގިނަ ބަންދީންނަށް ދާއިމީ ބަލިތަކާއި ހުއިހެލި ފަދަ ނުރައްކާތެރި ބަލިތައް ޖެހިފައިވެއެވެ. މީގެ އިތުރުން އިސްރާއީލުން ވަނީ 67 ކުޑަކުދިން ހިމެނޭ ގޮތަށް 726 ފަލަސްތީނުންގެ ހަށިގަނޑު ހިފަހައްޓާފައެވެ.

މެޒަދާ، ނަޝޯން އަދި ކެޓަރް ފަދަ ޚާއްސަ ޔުނިޓުތަކުން ރޭގަނޑު ވަގުތުތަކުގައި ޖަލު ގޮޅިތަކަށް ވަދެ، ގޭސް ބޮމާއި ސްޓަން ގްރެނޭޑް ބޭނުންކުރެއެވެ. ޣައްޒާގައި އިސްރާއީލުގެ ޖެނޮސައިޑް ފެށުނު ފަހުން މަދުވެގެން 78 ބަންދީން ވަނީ އަސީރުން މަރުވެފައެވެ.

މި ކާމިޔާބީތަކާއެކުވެސް، ފަލަސްތީނު މުޤާވަމާ ޖަމާޢަތްތަކުން ފާހަގަކުރާ ގޮތުގައި މިނިވަންކަން އަދި ފުރިހަމައެއް ނުވެއެވެ. 400 ކުޑަކުދިންނާއި 52 އަންހެނުން ހިމެނޭ ގޮތަށް ހާހުން ގުނާލެވެވަރަށް ފަލަސްތީނުން އަދިވެސް ތިބީ ބަންދުގައެވެ. އެތައް ސަތޭކަ މީހުން ތިބީ އެއްވެސް ދަޢުވާއެއް ނެތި އެޑްމިނިސްޓްރެޓިވް ޑިޓެންޝަންގައެވެ. އަދި ޣައްޒާއިން ހައްޔަރުކުރެވުނު ގިނަ މީހުން ވަނީ "ޣައިރު ޤާނޫނީ ހަނގުރާމަވެރިން" ގެ ގޮތުގައި ލޭބަލްކުރެވި، އަސާސީ ޙައްޤުތަކުން މަޙްރޫމްކުރެވިފައެވެ.

ޕްރިޒަނާސް އެފެއާޒް އޮތޯރިޓީން ވަނީ ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އަދި އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސްއަށް އިސްރާއީލުގެ ޖަލުތަކަށް ޒިޔާރަތްކޮށް، ހިނގަމުންދާ ޖަރީމާތައް ހާމަކުރުމަށް ގޮވާލާފައެވެ. "އިސްރާއީލުގެ ޖަލުތަކުގައި ޤަޠުލްޢާންމުގެ އަނެއް ސިފަ ކުރިއަށްދާއިރު، ދުނިޔެއަށް މަޑުން ތިބެވޭކަށް ނެތް" ކަމަށް އެ އިދާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން