ޚަބަރު
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

މާލެއަށް ބޯކޮށް ވާރޭ ވެހުނު ދުވަހެއް
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.
މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށް ހިމެނޭ ސަރަހައްދުތަކަށެވެ.
މެޓުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ސަމާލު ދެމި އޮންނާނީ މެންދުރު 12:20 އިން ފެށިގެން އިރުއޮއްސި 18:00 އާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
މެޓުން އިތުރަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަހުގެ 13 އިން 17 ވަނަ ދުވަހާ ހަމައަށް މޫސުން ގޯސްވެފައި އޮންނާނެއެވެ.
މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ރައްޔިތުން ސަމާލުވާންޖެހޭ މުހިންމު ކަންތައްތަކެއް ހުރެއެވެ. މީގެ ތެރޭގައި ކަނޑުދަތުރުކުރާ ފަރާތްތަކާއި، ފެރީ އޮޕަރޭޓަރުންނާއި، ދަތުރުވެރިން، ވަޔާއި ކަނޑު ގަދަ ވަގުތުތަކުގައި ކަނޑުދަތުރުފަތުރު ނުކުރުމަށް އިރުޝާދު ދެއްވާފައިވެއެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު ސަލާމަތީ ވަސީލަތްތައް ހަމަކަން ޔަގީންކުރުމަށްވެސް އިރުޝާދު ދެއްވާފައިވެއެވެ.
މީގެއިތުރުން، ވާރޭވެހޭއިރު މަގުމަތި ތެމި ކަހާލުންފަދަ ކަމެއް ދިމާވެދާނެކަމަށް ސަމާލުވުމަށާއި، މޫސުމާބެހޭ އިންޒާރުތަކަށް ސަމާލުވެ، ކަމާބެހޭ އިދާރާތަކުން ނެރޭ އިރުޝާދުތަކަށް އަމަލުކުރުމަށް އަންގަވާފައިވެއެވެ. އަދި އުދައިގެ އަސަރު ކުރާ ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކުން، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް މެޓުން އިރުޝާދު ދެއްވާފައިވެއެވެ.