ދުނިޔެ
އިސްރާއިލް ސިފައިން ހުޅަނގު އައްސޭރީގައި ހުރި ފަލަސްޠީން ރައްޔިތުންގެ ގެތައް ޢަސްކަރީ ސްޓޭޝަންތަކަށް ހަދަނީ

ބެން ގަވިރް އަލް އަޤްސާއަށް ވަދެ ހުރި ވަގުތު
އިސްރާއީލް ސިފައިން ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް ވަދެ، ފަލަސްތީނު ރައްޔިތުންގެ މުދަލަށް ގެއްލުން ދީ، ގިނަ އަދަދެއްގެ ގެތައް އަސްކަރީ ސްޓޭޝަންތަކަށް ބަދަލުކޮށްފިއެވެ.
މިއާއެކު އިސްރާއީލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގަވީރު އަލްއަޤްޞާ މިސްކިތަށް ވަނީ އަރައިފައެވެ. މިއީ އެއް ހަފްތާ ތެރޭގައި ދެވަނަ ފަހަރަށް ބެން ގަވީރު އަލްއަޤްޞާ މިސްކިތަށް އެރި ދެވަނަ ފަހަރެވެ. އަދި އޭނާ އެމިސްކިތަށް އަރާފައިވަނީ ގިނަ އަދަދެއްގެ ޔަހޫދީ ސެޓްލަރުންނާ އެކުގައެވެ. މިފަހަރު އެތަނަށް އަރާފައިވަނީ "ސިމްހަތް ތޯރާ" ފާހަގަކުރުމުގެ ގޮތުންނެވެ. މި ފަހަރު ސެޓްލަރުން ޔަހޫދީ އަޅުކަންތައް ކުރިއެވެ. އަދި އިސްރާއީލީ ފުލުހުން މުސްލިމުން މިސްކިތަށް ވަނުން މަނާކޮށްފައިވެއެވެ.
ފާއިތުވި ބުދަ ދުވަހު ވެސް ބެން ގަވީރު އަލްއަޤްޞާ މިސްކިތަށް އަރާފައިވެއެވެ. އޭނާއާއެކު ހެރިޓޭޖް މިނިސްޓަރު އަމިހައި އެލިޔާހޫ އަދި ކްނެސެޓް މެންބަރު އިސްހާކް ކްރޮއިޒަރު ވެސް ބައިވެރިވިއެވެ. މިއީ ޔަހޫދީންގެ ސުކޯޓް ފެސްޓިވަލްގެ ތެރެއިންނެވެ. މި ފެސްޓިވަލްގެ ތެރޭގައި 5 ދުވަހުގެ މުއްދަތުގައި 7،119 ސެޓްލަރުން މިސްކިތަށް އަރާފައިވެއެވެ.
މީގެ އިތުރުން އިސްރާއީލީ ބާރުތަކުން ވެސްޓް ބޭންކުގެ އެކި ސަރަހައްދުތަކަށް ވަދެ، ގިނަ އަދަދެއްގެ ގެތަކަށް ގެއްލުން ދީފައިވެއެވެ. ހެބްރޯންގައި އިޒްނާ އަދި އަލްކޫމް ސަރަހައްދުގައި ހުރި ދެ ގެއެއް އަސްކަރީ ބެރެކްސްތަކަށް ބަދަލުކޮށް، އެ ގެތަކުގެ ވެރިން ނެރެލާފައިވެއެވެ. އަދި ސްކޫލްތަކުގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް ކަރުނަ ގޭސް ބޭނުންކޮށްފައިވެއެވެ.
މި ހަމަލާތަކުގެ ތެރޭގައި ސެޓްލަރުން ބައިތިން ސަރަހައްދުގައި ހުރި އުޅަނދަކަށް އަލިފާން ރޯކޮށް، ފަލަސްތީނުގެ ގެތަކަށާއި މުދަލަށް ގެއްލުން ދީފައިވެއެވެ. އަދި ތުއްބަސް ސަރަހައްދުގައި އިސްރާއީލީ ބާރުތަކުން ގިނަ އަދަދެއްގެ ގެތަކަށް ވަދެ، އެ ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް ހިންގާފައިވެއެވެ.