ދުނިޔެ

އިންޑޮނޭޝިޔާ މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރުމަށް ގޮވައިލުމުން، މެންބަރުންގެ އުޖޫރަ ދެގުނަ!

އިންޑޮނޭޝިޔާ މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރުމަށް ގޮވައިލުމުން، މެންބަރުންގެ އުޖޫރަ ދެގުނަ!

އިންޑޮނޭޝިޔާގައި ކުރިއަށްދާ މުޡާހަރާތަކުގެ ތެރެއިން.

farudhun logo

ފަރުދުން

14 އޮކްޓޯބަރު 2025، 05:11

14 އޮކްޓޯބަރު 2025، 05:11

އިންޑޮނޭޝީޔާ މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރުމަށް ގޮވާލައި އެ ޤައުމުގައި ފުޅައު ދާއިރާއެއްގައި ކުރަމުން އައި ވަރުގަދަ އިޙުތިޖާޖު ފެނަށް ގޮސް، އެ ޤައުމުގެ މަޖިލިސް މެންބަރުންގެ މުސާރަ އަނެއްކާ ވެސް ބޮޑުކޮށްފިއެވެ. މި ކަމާ ގުޅިގެން އިންޑޮނޭޝިޔާ ރަޢިއްޔަތުން އިތުރަށް ނުރުހުންވެފައިވާ ކަމަށް ބައިނަލްއަޤްވާމީ މީޑިޔާތަކުން ރިޕޯޓުކުރެއެވެ.

އިންޑޮނޭޝިޔާގެ މަޖިލިސް މެންބަރުންގެ އުޖޫރައަށް އަދު އިތުރުކޮށްފައިވާ ޢިނާޔަތްތަކާ އެކު، ކޮންމެ މެންބަރަކަށް ޗުއްޓީގެ މުއްދަތުގައި 702 މިލިޔަން އިންޑޮނޭޝިޔާ ރުޕިއާ (42،400 ޔޫ.އެސް. ޑޮލަރު) ލިބޭނެއެވެ. މިއީ މީގެ ކުރީން މެންބަރުންނަށް ޗުއްޓީގައި ދެމުން އައި 400 މިލިޔަން ރުޕިއާގެ ދެގުނައާ ގާތްކުރާ ޢަދަދެކެވެ. 

ޗުއްޓީގެ މުއްދަތުގައި މަޖިލިސް މެންބަރުންނަށް ދޭ ފައިސާގެ ބޭނުމަކީ، މަޖިލިސް ޖަލްސާތައް މެދުކެނޑިފައިވާ މުއްދަތުތަކުގައި، ޢާންމުން ގާތަށް ޒިޔާރަތްކުރުން ފަދަ ކަންކަމަށް ޚަރަދު ދިނުމެވެ.

އިހަށް އޯގަސްޓު މަހު އިންޑޮނޭޝިޔާގައި ފެށި މުޡާހަރާތަކުގެ ސަބަބަކީ، އެ ޤައުމުގެ މަޖިލިސް މެންބަރުންނަށް ބޯހިޔާވަހިކަމުގެ ޢިނާޔަތުގެ ގޮތުގައި 3،000 ޑޮލަރު ދެމުން އައި ކަން ޢާންމުންނަށް ފައުޅުވުމެވެ. އެ ޢިނާޔަތް އެކަނި ވެސް، ޖާކަރްޓާގެ މިނިމަމް ވޭޖަށް ވުރެ ދިހަ ގުނަ ބޮޑެވެ. އިންޑޮނޭޝިޔާގައި މި ޢިނާޔަތާ ދެކޮޅަށް ކުރި މުޡާހަރާތައް ހޫނުވުމުން، މި ޢިނާޔަތް އުނިކުރުމަށް އެ ޤައުމުގެ ސަރުކާރުން އެއިރު ނިންމިއެވެ.

މަޖިލިސް މެންބަރުންނަށް ދޭ ބޯހިޔާވަހިކަމުގެ ޢިނާޔާތް ކުޑަ ކުރުމަށް ގޮވާލައި އެ ޤައުމުގައި އޯގަސްޓު މަހު ފެށި އިޙުތިޖާޖު ފުޅައުވެ، އިންޑޮނޭޝިޔާގެ އިސް ވެރީންގެ ޢާންމު ފަސާދަވެރިކަމާ (ކޮރަޕްޝަނާ) ދެކޮޅަށް އަޑު އުފުލާން ފަށާކަށް މާ ގިނަ އިރުތަކެއް ނުނެގިއެވެ.

އިންޑޮނޭޝިޔާގެ ޤާނޫނު ހަދާ މަޖިލިހުގެ ޖަލްސާތައް އަހަރެއްގެ މައްޗަށް ފަސް ފަހަރު މެދުކަނޑާލައެވެ. މިއިން ކޮންމެ ޗުއްޓީއެއްގެ ތެރޭގައި، ކޮންމެ މެންބަރެއްގެ ވެސް ވާޖިބަކީ، އެ މެންބަރެއް ތަމްޘީލުކުރާ ސަރަޙައްދުގެ ޢާންމުންނަށް ޒިޔާރަތްކޮށް، ކަންކަމުގައި ރަޢިއްޔަތުންގެ ޚިޔާލުތައް ހޯދައި  އެއްކުރުމެވެ. 

އިންޑޮނޭޝިޔާ ޤާނޫނު ހަދާ މަޖިލިހުގެ ނާއިބު ރައީސް ސުފްމީ ޑަސްކޯ އަޙްމަދް ހާމަކުރެއްވި ގޮތުގައި، މެންބަރުންގެ ޗުއްޓީ ޢިނާޔަތް ބޮޑުކުރާން ނިންމީ، ކެއުމާއި ދަތުރުފަތުރުގެ ޚަރަދުތައް މިހައިރު އުފުލިފައިވާތީއެވެ. ޑަސްކޯ އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި، މެންބަރުން ފައިސާ ޚަރަދުކުރާ ގޮތުގެ ތަފްޞީލު ޝާއިޢުކުރާން މަޖުބޫރުކޮށް، އެ ތަފްޞީލުތައް ޢާންމުންނަށް ފެންނާން ހުންނާނޭ ގޮތަށް ޚާއްޞަ އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް މަޖިލިހުން އަންނަނީ ކުރަމުންނެވެ. ނަމަވެސް އިންޑޮނޭޝިޔާ ރަޢިއްޔަތުން ދެކޭ ގޮތުގައި، މެންބަރުންގެ ޢިނާޔަތް ބޮޑުކުރުމަކީ އެ ޤައުމުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ފަސާދަވެރިކަމާއި، ބޭޛިންމާދާރީ ހާމަކޮށްދޭ ޢަމަލެކެވެ. 

މަޖިލިސް މެންބަރުންނަށް ޗުއްޓީގެ މުއްދަތުގައި ޢިނާޔަތް ދިނުމަކީ އިންޑޮނޭޝިޔާއަށް ޚާއްޞަ ކަމެއް ނޫނެވެ. ނަމަވެސް، އެ ޤައުމުގެ މަޖިލިސް މެންބަރުންގެ އުޖޫރައިގެ ބޮޑުކަމާ ދެކޮޅަށް ޢާންމުން ހަރު އަޑުން އިޙުތިޖާޖުކުރަމުން އަންނަ ދަނޑިވަޅެއްގައި އެ ޢިނާޔަތް އިތުރުކޮށްފައިވުމާއި، ޢިނާޔަތް އިތުރުކުރުމުގައި ގާތްގަނޑަކަށް ދެ ގުނަ ބޮޑުކޮށްފައިވުމަކީ އިންޑޮނޭޝިޔާގެ ޢާންމުން މި ކަމާ މެދު ނުރުހުންވާން މެދުވެރިވި ދެ ސަބަބެވެ.

އިންޑޮނޭޝިޔާ މީހުންނަށް މި ވަނީ ކުޅިވަރު ދައްކާފައި. އަހަރެމެން ރުހުނިން ގެދޮރުވެރިކަމުގެ ޢިނާޔަތް އުނިކުރީމައި. އެކަމު ބަލައިބަލަ.. އަނެއްކާ އަނެއް ޢިނާޔަތް މި އޮތީ އިތުރުކޮށްފައި.

އިންޑޮނޭޝިޔާ މަޖިލިހުގައި ބަލާން އިންނަ އަމިއްލަ ފަރާތެއް ކަމުގައިވާ ލޫޝިިޔަސް ކަރޫސް ބުންޏެވެ.

އިންޑޮނޭޝިޔާ ޢާންމުން ރުޅި އަންނާން މެދުވެރިވި އަނެއް ސަބަބަކީ، ޗުއްޓީ ޢިނާޔަތުގެ ގޮތުގައި މެންބަރުންނަށް ދޭން ކަނޑައަޅާފައި އޮތް މިންވަރުގެ އިތުރުން 54 މިލިޔަން ރުޕިއާ ދީފައިވާ ކަން ހާމަވުމެވެ. މި ކަމާ ވިދިގެން އިދާރީ ބޭފުޅުން ވިދާޅުވީ، މިއީ "އިންސާނުންނަށް ވިޔަތީ އެރި އޮޅުމެއް" ކަމަށާއި، އިތުރަށް ފޮނުވުނު ފައިސާ އަލުން އަނބުރާ ދައުލަތަށް ނަގާފައިވާ ކަމަށެވެ. ނަމަވެސް އިންޑޮނޭޝިޔާ ޢާންމުންގެ ނަޡަރުގައި މިއީ ޔަޤީންކުރާން ދަތި ވާހަކައެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން