ދުނިޔެ

އިސްރާއިލުގެ ޖަލުތަކުން ދޫކޮށްލި ފަލަސްޠީނުގެ އަސީރުންގެ ދުލުން: އަހަރެމެންނަށް ދިން އަނިޔާ ދުލުން ބަޔާން ކުރާނެހާ ހިތްވަރެއްނެތް

އިސްރާއިލުގެ ޖަލުތަކުން ދޫކޮށްލި ފަލަސްޠީނުގެ އަސީރުންގެ ދުލުން: އަހަރެމެންނަށް ދިން އަނިޔާ ދުލުން ބަޔާން ކުރާނެހާ ހިތްވަރެއްނެތް

އިސްރާއިލްގެ ޖަލުތަކުން ދޫކޮށްލި ބައެއް އަސީރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޮކްޓޯބަރު 2025، 05:11

14 އޮކްޓޯބަރު 2025، 05:11

އިސްރާއިލްގެ ޖަލުގައި ތިބި އިރު ދިން އަނިޔާ ދުލުން ބަޔާންކުރާނެ ހިތްވަރު ނެތް ކަމަށް ފަލަސްޠީނުގެ އަސީރުން ބުނެފިއެވެ. 

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ވަގުތީ ހުއްޓުމާ ގުޅިގެން އިސްރާއީލުގެ ޖަލުތަކުން މިއަދު ދޫކޮށްލެވުނު ފަލަސްތީނު އަސީރުންގެ ފަރާތުން، އެމީހުންނަށް ޖަލުގައި ކުރިމަތިވި އަނިޔާވެރި ޢަމަލުތަކާއި ބަނޑުހައިހޫނުކަމުގެ ވާހަކަ ހާމަކޮށްފިއެވެ.

އިސްރާއީލުން މިއަދު ދޫކޮށްލާފައިވަނީ 1،968 ފަލަސްތީނު ބަންދީންނެވެ. މީގެ ތެރޭގައި އުމުރަށް ޖަލަށްލެވިފައިވާ 250 މީހުންނާއި، އިސްރާއީލުން ޣައްޒާގައި ހިންގި ޤަތުލްޢާންމުގެ ތެރޭގައި ހައްޔަރުކުރި 1،718 މީހުން ހިމެނެއެވެ.

"އަޅުގަނޑުމެންނަށް އަނިޔާކޮށް، ނިކަމެތިކޮށްލި، ވަރަށް ބޮޑަށް އުނދަގޫ ކުރި، އެހެނަސް މިހާރު އެކަން ނިމުނީތީ ﷲ އަށް ޝުކުރު ކުރަން” އެއްވެސް ދަޢުވާއެއް ނެތި 19 މަސްދުވަހު ބަންދުގައި ބެހެއްޓި، އަލްޖަޒީރާގެ ނޫސްވެރިޔާ އިބްރާހިމް އަލް-ޚަލީލީގެ އަޚް މުޙައްމަދު ބުންޏެވެ.

އޯފަރ ޖަލުގައި ހުރި ޢަބްދުﷲ އަބޫ ރާފިޢު ބުނީ އެތަނަކީ ޖަލެއް ނޫން ކަމަށާއި، މީހުން ކަތިލާ ތަނެއް ކަމަށެވެ.

"އެތާ ހާލަތު ވަރަށް ދަށް. ނިދަން ގޮދަޑިއެއްވެސް ނުދޭ. ކާންދޭ އެއްޗެހި ވަރަށް ދެރަ. ހުރިހާ ކަމެއްވެސް ވަރަށް އުނދަގޫ،" އޭނާ ބުންޏެވެ.

ދޫކޮށްލެވުނު އެހެން އަސީރެއް ކަމަށްވާ ޔާސިން އަބޫ ޢަމްރާ ބުނީ ޖަލުގެ ހާލަތު ހުރީ ވަރަށް ދަށް ދަރަޖައިގައި ކަމަށެވެ. "ހަތަރު ދުވަސް ވަންދެން އެއްޗެއް ނުކައި ހުރިން. މިތަނުން ދިން ދެ ކެންޑީ ކައިފިން،" އޭނާ ބުންޏެވެ.

24 އަހަރު ވަންދެން ޖަލުގައި ހުރި ސާބިރު މަސަލްމާގެ ޢާއިލާގެ މެންބަރަކު ބުނީ އޭނާ ފެންނަނީ "މަރުވެފައި އޮތް ހަށިގަނޑެއް" ފަދައިން ކަމަށެވެ. އެހެނަސް އަޅުގަނޑުމެން އޭނާއަށް ދެވެން އޮތް ފަރުވާއެއް ދޭނެ ކަމަށް އެއާއިލާއިން ބުނެފައިވެއެވެ.

ރާމަﷲގައި ދޫކޮށްލެވުނު އަސީރުންގެ ތެރެއިން އެތައް ބަޔަކު އުފަލުން ޖަމާވެ، އަސީރުން އުފުލި ބަހުން ފޭބުމަށް އުނދަގޫވާ ވަރަށް ޖަމާވެފައިއޮތެވެ. 

 "މި އިހުސާސް ބަޔާންކުރަން ނޭނގޭ. އަލަށް ކުއްޖަކު އުފަންވި ފަދަ" މަހްދީ ރަމަޟާން ބުންޏެވެ.

އިސްރާއީލުގެ އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާ ބެޓްސެލެމްއިން ބުނެފައިވާ ގޮތުގައި، އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ އަސީރުންނަށް އަނިޔާވެރި އަދި ލާއިންސާނީ އަމަލުތައް ކުރިމަތިކުރުވަނީ އެމީހުން ގެންގުޅޭ "ސިޔާސަތެއްގެ" ގޮތުގައެވެ. މި ޖަމްޢިއްޔާއިން ފާހަގަކޮށްފައިވާ ގޮތުގައި، ފަލަސްތީނު ބަންދީންނަށް ބޭސްފަރުވާ ނުލިބި، އެކަށީގެންވާ ކާނާ ނުލިބި، އަދި ޖިސްމާނީ އަނިޔާތަކާ ކުރިމަތިލާން ޖެހޭކަމަށެވެ.

ފަލަސްތީނުގެ އަސީރުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނާ ގޮތުގައި، ކޮންމެ ފަހަރަކު އަސީރުން ދޫކޮށްލާއިރު، އެ މީހުންގެ ހަށިގަނޑުން ފެންނަނީ އެމީހުންނާ މެދު ހިންގާފައިވާ ޖަރީމާތަކުގެ ހެއްކެވެ.

އޮކްޓޯބަރު 7 އަށްފަހު އަސީރުންނާމެދު ކުރެވޭ އަނިޔާތައް ވަނީ "މިހާތަނަށް ދުވަހަކުވެސް ނުފެންނަ" މިންވަރަށް އިތުރުވެފައެވެ. މީގެ ތެރޭގައި ބަނޑުހައިހޫނުކަމުގައި ބޭތިއްބުމާއި، ސިސްޓަމެޓިކް ގޮތެއްގައި ބޭސްފަރުވާ ނުދިނުމާއި، ގިނަ ބަޔަކަށް ހަމުގެ ބަލި ޖެހުމުން ފަރުވާނުދިނުން ހިމެނެއެވެ.

މީގެ އިތުރުން، އަސީރުން ދޫކޮށްލުމުގެ ކުރިން އެމީހުންނަށް ގަދަ އަނިޔާތައް ކުރާކަން ވެސް މި ޖަމާޢަތްތަކުން ފާހަގަކޮށްފައިވެއެވެ.

"އަޅުގަނޑުމެންނަށް ކުރި އަނިޔާތައް ބަޔާންކުރާނެ ބަހެއް ނެތް. ނަފްސާނީ އަދި ޖިސްމާނީ ގޮތުން ކުރި ހުރިހާ އަނިޔާއެއް އަޅުގަނޑުމެން ތަހައްމަލުކުރަން ޖެހުނު،" ދޫކޮށްލެވުނު އަސީރެއް ކަމަށްވާ ޝާދީ އަބޫ ސީދު ބުނެފައިވެއެވެ.

އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ އަސީރުންނާމެދު ކުރެވޭ މި އަނިޔާވެރި ޢަމަލުތަކާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރުވަމުންދާ ކަމަށް ވެސް ފާހަގަކުރެވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން