ޚަބަރު
ށ. ފޯކައިދޫގެ ތަރައްޤީއަށް ޚާއްސަ ތިން މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ށ. ފޯކައިދޫގެ ތަރައްޤީއަށް ޚާއްސަ ތިން މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ޒަމާނީ ފެންވަރުގެ އިސްލާމީ މަރުކަޒަކާއި، ކުނި މެނޭޖުކުރާ ސެންޓަރަކާއި، ފުލުހުންގެ މަރުކަޒެއް ހިމެނެއެވެ. މި މަސައްކަތްތައް ފެށުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، 2000އަށް ވުރެ ގިނަ މީހުން ދިރިއުޅޭ މި ރަށުގެ ރައްޔިތުންނަށް ދިރިއުޅުމުގެ އަސާސީ ޚިދުމަތްތައް ފަސޭހަކޮށްދީ، ދީނީ، އިޖުތިމާޢީ އަދި ސަލާމަތީ ކަންކަން ހަރުދަނާކުރުމެވެ.
ފޯކައިދޫ އިސްލާމީ މަރުކަޒުގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތު ބާއްވައިފި
މި ތިން މަޝްރޫޢުގެ ތެރެއިން އެންމެ ފުރަތަމަ ފާހަގަކޮށްލެވެނީ ފޯކައިދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތެވެ. މި މަސައްކަތުގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއާއި، ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމްގެ އިތުރުން ފޯކައިދޫ ކައުންސިލްގެ ރައީސް ވަނީ ބައިވެރިވެފައެވެ.
މި އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ ކަމަށާއި، 25 މިލިއަން ރުފިޔާގެ މި މަޝްރޫޢު ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ވަނީ މައުލޫމާތު ދެއްވާފައެވެ. މަސައްކަތް ނިމޭއިރު، 700 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި، 300 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި، 4 ކުލާސްރޫމާއި، އިމާމު ރޫމަކާއި، އޮފީސް ބައެއްގެ އިތުރުން ހިނަވާގެއެއް ހިމެނޭނެއެވެ. އަދި މި މަރުކަޒުގައި ސޯލާ ހަރުކޮށް، އެސީ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކުނި މެނޭޖުކުރާ ސެންޓަރެއްގެ މަސައްކަތްވެސް ފަށައިފި
މީގެ އިތުރުން ފޯކައިދޫގައި ކުނި މެނޭޖުކުރާ ސެންޓަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ. މި މަސައްކަތް ފައްޓަވައިދެއްވީ ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާޙިމްއެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންއާއެވެ. މި މަސައްކަތުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރާނެ ރަނގަޅު ފެސިލިޓީއެއް އެ ރަށުގައި ތަރައްޤީކުރެވިގެން ދާނެއެވެ.
ފުލުހުންގެ މަރުކަޒުގެ އިމާރާތުގެ ބިންގާވެސް އަޅައިފި
ފޯކައިދޫގެ ތަރައްޤީއަށް ފެށުނު މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ފުލުހުންގެ މަރުކަޒުގެ އިމާރާތުގެ ބިންގާ އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއެވެ. މި މަޝްރޫޢުގެ ސަބަބުން ރަށުގެ ސަލާމަތީ ކަންކަން ހަރުދަނާވެ، ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތްތައް އަވަސްކޮށް ފަސޭހައިން ލިބިގެންދާނެއެވެ.
ފޯކައިދޫއަކީ އާބާދީގައި 2000އަށްވުރެ ގިނަ މީހުން ރެޖިސްޓްރީކޮށްފައިވާ ރަށަކަށް ވުމާއެކު، މި ތިން މަޝްރޫޢުއަކީވެސް އެ ރަށުގެ ރައްޔިތުންގެ ދިރިއުޅުމަށް ގިނަގުނަ ފަސޭހަތަކާއި ކުރިއެރުންތަކެއް ގެނެސްދޭނެ މުހިންމު މަސައްކަތްތަކެކެވެ