ކުޅިވަރު
ރާއްޖޭގައި ކުޅުނު މެޗު ވެސް ތަޖިކިސްތާނު ކާމިޔާބުކޮށްފި

ރާއްޖެ އާއި ތަޖިކިސްތާނު ބައްދަލުކުރި މެޗުގައި އިބްރާޙިމް މަޙުދީ ތަޖިކިސްތާނުގެ ކުޅުންތެރިއެއްގެ ކައިރިން ބޯޅަ ހިފައިގެން ދިއުމަށް މަސައްކަތް ކުރަނީ / ފޮޓޯ: ޕީއެސްއެމް ނިއުސް
މިއަންނަ އަހަރު ސައުދީ އަރަބިއްޔާގައި އޮންނަ އޭއެފްސީ އޭސިއަން ކަޕަށް ކޮލިފައިވުމުގެ ގޮތުން ތަޖިކިސްތާނާއި ދިވެހިރާއްޖެ ކުޅުނު ދެވަނަ މެޗު ވެސް ތަޖިކިސްތާނު ކާމިޔާބުކޮށްފިއެވެ. މިއަދު ހަވީރު ރާއްޖޭގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 3-0އިންނެވެ.
މި ދެ ޓީމު، މި މަހުގެ 9ވަނަ ދުވަހު ތަޖިކިސްތާނުގައި ކުޅުނު މެޗު 2-0އިން ކާމިޔާބުކުރީ ތަޖިކިސްތާނެއެވެ. އަދި މިއަދު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ތަޖިކިސްތާނުން ވަނީ މެޗުގެ 4ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. އެއީ ރާއްޖޭގެ ޑިފެންޑަރު މުޙައްމަދު އިރުފާންގެ އަތުގައި ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ޖެހުމުން އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ޑިފެންޑަރު ސަފަރޮވް ކާމިޔާބުކުރި ގޯލެކެވެ. މި ޕެނަލްޓީ ވަނީ ރާއްޖޭގެ ގޯލްކީޕަރު ފައިސަލް ދިފާއުކޮށްފައެވެ. ނަމަވެސް ދިފާއުކުރި ބޯޅަ އޭރިއާ ތެރެއަށް ނިކުތް ވަގުތު ކާމިޔާބުކުރި ގޯލުން، ތަޖިކިސްތާނުން ލީޑު ނެގީއެވެ.
މި މެޗުގައި ރާއްޖޭގެ ޓީމުން ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކުރިއެވެ. އެގޮތުން އައިހަމް ތަނަވަސްކުރި ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.
މި މެޗުގައި ތަޖިކިސްތާނުން ވަނީ ފުރަތަމަ ހާފުގައި އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. އެ ގޯލު ކާމިޔާބުކުރީ ޝެރްވޯނީ މަބަޝޯވްއެވެ.
އަދި އެ ޓީމުގެ ތިން ވަނަ ގޯލުވެސް ކާމިޔާބުކުރީ އޭނާއެވެ. އެއީ މެޗުގެ 77ވަނަ މިނެޓުގައެވެ.
މި މެޗުން ލިބުނު 3 ޕޮއިންޓާއެކު ތަޖިކިސްތާން މިވަނީ ގްރޫޕްގައި 10 ޕޮއިންޓް ހަމަކޮށް 2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ކުރިއަށް ޖެހިލާފައެވެ. ގްރޫޕްގައި ދިވެހި ޓީމުން ކުޅުނު 4 މެޗުންވެސް ބަލިވިއިރު ދިވެހި ޓީމަށް ދެން އޮންނާނީ މިއަންނަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ފިލިޕީންސް އާއި ބައްދަލުކުރާ މެޗެވެ. މި މެޗުވެސް ކުޅޭނީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ.