Ads by Stelco

ޚަބަރު

ގެއްލުނު ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ގެއްލުނު ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި

އެމްޕީއެލް ހުޅުމާލެ އިންޓަނޭޝަނަލް ޕޯރޓް / ފޮޓޯ: އެމްޕީއެލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 އޮކްޓޯބަރު 2025، 06:51

15 އޮކްޓޯބަރު 2025، 06:51

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލޭ އިންޓަރނޭޝަނަލް ޓާރމިނަލްގައި ހުއްޓާ ގެއްލުނު ދެ ކޮންޓެއިނަރ ސިނގިރޭޓުގެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ދެ ވިޔަފާރިވެރިންނާއި، މޯލްޑިވްސް ކަސްޓަމްސް ސާރވިސަސްގެ އިސް މުވައްޒަފަކާއި އަދި އިތުރު މީހެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ ވިޔަފާރިވެރިންނަކީ އެޕޯލޯގެ ވެރިޔާ މުޙައްމަދު ވަޙީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަޙުމަދު އާރިފް (އާއްޓޭ)އެވެ. 

މީގެ އިތުރުން ދެން ހައްޔަރުކޮށްފައިވާ ކަސްޓަމްސް އޮފިސަރަކީ ޑިޕާރޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލްއެވެ. އެނގިފައިވާ ގޮތުގައި އޭނާ މަސައްކަތް ކުރަމުން އައީ ހުޅުމާލޭ ޕޯރޓުގައެވެ.

ދެން މި މައްސަލައިގައި ހިމެނެނީ، ކުރިން ކަސްޓަމްސްގެ ސީނިއާރ ސުޕްރިންޓެންޑެންޓްގެ މަޤާމުގައި ހުރި ހ. ނިއުހެޕިނަސް، މުއާޒު ޢަލީއެވެ. މުއާޒުއާ ގުޅިގެން ފާހަގަކޮށްލެވޭ ކަމަކީ، އޭނާގެ އިތުރު މައްސަލައެއް ވެސް މިހާރު އޮތީ ދަޢުވާ ކުރުމުގެ މަރުހަލާގައިކަމެވެ. އެއީ ރާއްޖެއަށް 430 ސިނގިރޭޓް ކޭސް އެތެރެކުރުމުގައި ރިޝްވަތަށް އެދުނުކަމުގެ ތުހުމަތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުންދާ މައްސަލައެކެވެ. އެ މައްސަލައިގައި އޭސީސީއިން ވަނީ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މި މަހު ފޮނުވާފައެވެ. އޭނާ މިހާރު ވަޒީފާ އަދާކުރަމުން ދަނީ ދައުލަތުގެ މަސް ކުންފުނި މިފްކޯގެ ޖެނެރަލް މެނޭޖަރު، އިންޖިނިއަރިން ޕްރޮޖެކްޓްސްގެ މަޤާމުގައެވެ.

ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލައާ ގުޅިގެން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް 12 މީހެއްގެ ފުރުން ވަނީ މަނާކޮށްފައެވެ. އަދި ތަޙުޤީޤުގެ ބޭނުމަށް ބައެއް އުޅަނދުތަކާއި ތަންތަން ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ސިނގިރޭޓު ސްޓިކްގެ ޖުމްލަ އަދަދު 13.6 މިލިއަނަށް އަރައެވެ. މި ސިނގިރޭޓުތައް ހުރީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި، 1،360 ކޭސް ސިނގިރޭޓުގެ ގޮތުގައެވެ. ކަސްޓަމްސްއިން ބުނެފައިވާ ގޮތުން، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، މި ޝިޕްމެންޓުގެ ޑިއުޓީއަށް 13.6 މިލިއަން ރުފިޔާ އަރާނެއެވެ.

ކަސްޓަމްސްއިން ކުރިން ބުނެފައި ވަނީ ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މަޢުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާރމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި ކޮންޓެއިނަރުތައް ހިފަހައްޓާފައި ވަނީ ސައޫދީ ޢަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މި އަހަރުގެ އޭޕްރީލް މަހުގެ 26ވަނަ ދުވަހުއެވެ. މިތަކެތި ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި، އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބެހެއްޓީ ތަހުޤީޤު ނުނިމޭތީކަމަށް ކަސްޓަމްސްއިން ހާމަކޮށްފައި ވެއެވެ.

ދެ ކޮންޓެއިނަރުގައި ސިނގިރޭޓު ނެތްކަން ކަސްޓަމްސްއަށް އެނގުނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގައެވެ. އޭގެ ފަހުން ފުލުހުން އަންނަނީ އެ މައްސަލައިގެ ތަޙުޤީޤު ހިންގަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން