ދުނިޔެ
ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލިޔަސް ޤަޠުލްޢާންމު ހިންގުމާއި ގުޅިގެން އައިސީޖޭއަށް ހުށައެޅި މައްސަލަ ކުރިއަށްގެންދާނަން: ދެކުނު އެފްރިކާ

ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާ
އިސްރާއިލުން ޣައްޒާއަށް ދެމުންދިޔަ ހަމަލަތައް ވަގުތީ ގޮތުން ހުއްޓާލަން އެއްބަސްވިޔަސް، ޣައްޒާގައި ހިންގަމުންދިޔަ ޤަޠުލްޢާންމާއި ގުޅިގެން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށައެޅި މައްސަލަ ކުރިއަށް ގެންދާނެކަމަށް ދެކުނު އެފްރިކާއިން ބުނެފިއެވެ.
ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާ ވިދާޅުވެފައިވަނީ، ޣައްޒާގައި ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުމަށް އެއްބަސްވެފައިވީ ނަމަވެސް، އިސްރާއީލުން ޤަތުލުއާންމު ހިންގަމުންދާތީ އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ.
ކޭޕްޓައުންގައި، ޕާލަމެންޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ރަމަފޯސާ ވިދާޅުވީ، އެމެރިކާގެ މެދުވެރިއަކަށް އޮވެ ވެފައިވާ އެއްބަސްވުމަކީ އައިސީޖޭގައި ހިނގަމުންދާ މައްސަލައަށް އެއްވެސް އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށެވެ. "މިހާރު މައްސަލަ އޮތީ އިސްރާއީލުން އަޅުގަނޑުމެން ހުށަހެޅި ކަންކަމަށް ޖަވާބުދާރީވާންޖެހޭ މަރުހަލާގައި. އެކަން އެ ޤައުމުން ކުރަންޖެހޭނީ ކުރިއަށް އޮތް އަހަރުގެ ޖެނުއަރީ މަހުގެ ކުރިން،" ރައީސް ރަމަފޯސާ ވިދާޅުވިއެވެ.
ދެކުނު އެފްރިކާއިން މި މައްސަލަ އައިސީޖޭއަށް ހުށަހެޅީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އަދި 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 500 ސަފުހާގެ ތަފްސީލީ ލިޔުމެއް ކޯޓަށް ހުށަހަޅާފައިވެއެވެ. އިސްރާއީލުން މި މައްސަލައަށް ޖަވާބުދާރީވާން ޖެހެނީ 2026 ވަނަ އަހަރުގެ ޖެނުއަރީ 12 ގެ ކުރިންނެވެ. އަނގަބަހުން ވާހަކަ ދެއްކުމުގެ އަޑުއެހުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގައި ކަމަށާއި، ީއެންމެ ފަހުގެ ހުކުމް އިއްވާނެ ކަމަށް ލަފާކުރެވެނީ 2027 ވަނަ އަހަރުގެ ފަހުކޮޅު ނުވަތަ 2028 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.
އައިސީޖޭއިން މިހާތަނަށް ނެރެފައިވާ ތިން ވަގުތީ އަމުރުގައި، އިސްރާއީލުން ޤަތުލުއާންމު ހިންގުން ހުއްޓާލުމަށާއި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަންގާފައިވެއެވެ. ނަމަވެސް އިސްރާއީލުން މި އަމުރުތަކާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ. ފަލަސްތީނުގެ ސިއްޙީ އިދާރާތަކުން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި 67،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗެޒް ވިދާޅުވެފައިވަނީ، ހަނގުރާމަ ހުއްޓާލުމަކީ އިސްރާއީލަށް "އިމިއުނިޓީ" ލިބިގެންވާ ކަމެއް ނޫން ކަމަށެވެ. އަދި އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗް ފަދަ އިންސާނީ ހައްޤުތަކުގެ ޖަމާއަތްތަކުން ވަނީ އިސްރާއީލުން ޣައްޒާގައި ޤަތުލުއާންމު ހިންގަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އދ.ގެ ތަހުޤީޤު ކޮމިޝަނަކުން ވަނީ އިސްރާއީލުން ޤަތުލުއާންމު ހިންގާފައިވާ ކަމަށް ކަނޑައަޅާފައެވެ.
ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށައަޅައިފައިމިވާ މައްސަލައަށް ދިވެހި ރާއްޖެއިން ވެސް ވަނީ ތަދައްޚުލް ވެފައެވެ.