ޚަބަރު
ސްޕޯޓްސް އިންޖަރީއަށް ޚާއްޞަ ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރަން ފަށައިފި

އައިޖީއެމްއެޗްގައި ސާރޖަރީއެއް ކުރިޔަށް ދަނީ---
ސްޕޯޓްސް އިންޖަރީއަށް ޚާއްޞަ ފަރުވާ ދިނުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރަން ފަށާފައިވާކަމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙީމް ޤަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ޙަލީމް ވިދާޅުވީ، އައިޖީއެމްއެޗްގެ އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖެރީ ޑިޕާޓްމަންޓްގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މިހާރު އާރތްރޮސްކޮޕީ ޓަވަރު ބެނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި މިއީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތެއް ކަމަށާއި، މި ޓެކްނޮލޮޖީއާއެކު ބަލި ދެނެގަންނަން ފަސޭހަވާނެ ކަމަށް ޙަލީމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ޓެކްނޮލޮޖީއާއެކު ފަރުވާގައި އެންމެ ފަހުގެ ގޮތްތައް ބޭނުން ކުރެވިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.
އައިޖީއެމްއެޗްގެ އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖެރީ ޑިޕާޓްމަންޓްގެ ޚިދުމަތްތައް ފުޅާކުރުމާއި، އިތުރަށް ފުރިހަމަކުރުމުގެ ގޮތުން މިހާރު މިވަނީ އެންމެފަހުގެ އެޑްވާންސް ޓެކޮނޮލޮޖީ (އޯލް އިން ވަން ހަތަރުގުނަ ސާފުކޮށްފެންނަ 4k ) އާރތްރޮސްކޮޕީ ޓަވަރު ބެނުންކުރަން ފެށިފައެވެ. މި ސިސްޓަމާއެކު ފަސޭހައިން ބަލި ދެނެގަނެވި، ސްޕޯޓްސް އިންޖެރީއަށް ފަރުވާކުރުމުގައި މޮޑަން މެތަޑްސް ބެނުންކުރެވޭނެއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙީމް ޤަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.
ސިއްޙީ ދާއިރާގައި މާލޭ ސަރަޙައްދުގައި ހިމެނޭ ހޮސްޕިޓަލްތައް ހޯދަމުން އަންނަ ކުރިއެރުންތަކަށް ބަލާލާއިރު، މި މަހުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލްގައި ވަނީ އާތުރޮސްކޮޕިކް ނީ ސާރޖަރީގެ ޚިދުމަތް ފަށައިފިއެވެ. އެގޮތުން އެ ހޮސްޕިޓަލްގައި މުޅިން އަލަށް ކުރިޔަށް ގެންދިޔަ އާތުރޮސްކޮޕިކް (ކީހޯލް) ނީ ސާރޖަރީއަކީ އޮތޯޕީޑިކް ޑިޕާރޓްމަންޓްގެ ކްލިނިކަލް ހެޑް، ޑރ. އަޙްމަދު ޢާޒިމްގެ އިސްނެންގެވުމުގެ ދަށުން ކުރިޔަށްގެންދިޔަ ސާރޖަރީއެއްކަމަށް ސީއީއޯ ޙަލީމް ވަނީ ވިދާޅުވެފައެވެ. ޙަލީމް ވިދާޅުވީ، އެ ޓެކްނޮލޮޖީއާއެކު، ސާރޖަރީގެ ރިކަވަރީ އަވަސްވެގެންދާނެކަމުގައެވެ.