ދުނިޔެ

އިސްރާއިލުން ލުބްނާނަށް ހަމަލާދީފި، ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވޭ

އިސްރާއިލުން ލުބްނާނަށް ހަމަލާދީފި، ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވޭ

އިސްރާއިލުން ލުބްނާނަށް ދިން ހަމަލާއެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޮކްޓޯބަރު 2025، 01:07

15 އޮކްޓޯބަރު 2025، 01:07

އިސްރާއީލާއި ހިޒްބުﷲއާއި ދެމެދު ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފުވެ، އިސްރާއީލުން އިއްޔެ ދެކުނު ލުބްނާންގެ ދެ ސަރަހައްދަކަށް ދިން ހަމަލާއެއްގައި 3 މީހުން ޒަޚަމްވެއްޖެއެވެ.

ލުބްނާން ސަރުކާރުގެ ނޫސް އެޖެންސީން ބުނި ގޮތުގައި، ވާދީ ޖީލޯގެ މަގުމަތީގައި ދުއްވަމުންދިޔަ މޮޓޯސައިކަލަކަށް އިސްރާއީލުގެ ޑްރޯނަކުން ހަމަލާ ދީފައިވެއެވެ. މި ހަމަލާގައި އެކަކު ވަރަށް ބޮޑަށް ޒަޚަމްވެ، ޖަމްއިއްޔަތުލް ރިސާލާ ލިލް އިސްއާފް އަލްސިއްހީން ވަނީ އޭނާ ފަރުވާދޭ މަރުކަޒަކަށް ގެންގޮސްފައެވެ.

މީގެ ކުރިން އަންގާރަ ދުވަހު، ބިންތް ޖުބައިލްގެ ތިބްނީން އަދި ހާރިސް ރަށުގެ ދެމެދުގައި އިސްރާއީލުގެ ޑްރޯނަކުން ދިން ހަމަލާއެއްގައި އިތުރު ދެ މީހަކު ޒަޚަމްވިއެވެ. މި ދެ މީހުން ވަނީ ތިބްނީން ސަރުކާރު ހޮސްޕިޓަލަށް ގެންދެވިފައެވެ. އަދި އެ ދެ މީހުންގެ ޙާލަތު ރަނގަޅު ކަމަށް ވެއެވެ.

އަންގާރަ ދުވަހުގެ ފަތިހު، އިސްރާއީލުގެ އަސްކަރީ އުޅަނދުތަކެއް ވަނީ ދެކުނު ލުބްނާންގެ ނަބަތިއްޔާ ސަރަހައްދުގެ ބިންތް ޖުބައިލް ހިސާބަށް ވަދެފައެވެ. މީގެ ކުރިން އެ ސަރަހައްދުގައި ޑްރޯން މަތިންދާބޯޓުތަކުގެ ހަރަކާތްތައް އިތުރުވެފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުން ލުބްނާނަށް ހަމަލާދޭން ފެށުމަށްފަހު، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ހަމަލާތައް ފުޅާ ހަނގުރާމައަކަށް ބަދަލުވިއެވެ. މި ހަނގުރާމާގައި 4،000 އަށްވުރެ ގިނަ މީހުން މަރުވެ، 17،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެ، 19 މީހުން ހައްޔަރުކޮށްފައިވެއެވެ.

2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިސްރާއީލާއި ހިޒްބުﷲ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ވެވުނު ނަމަވެސް، އިސްރާއީލުން ވަނީ 4،500 ފަހަރަށްވުރެ ގިނައިން އެ އެއްބަސްވުމާ ޚިލާފުވެފައެވެ. މީގެ ސަބަބުން ސަތޭކަ އަކަށްވުރެ ގިނަ މީހުން މަރުވެ އަދި ޒަޚަމްވެފައިވެއެވެ. އަދި އެ އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ވަނީ ފަހުގެ ހަނގުރާމާގައި ހިފި ލުބްނާންގެ 5 ފަރުބަދައާއި، އެތައް އަހަރެއް ކުރިން ހިފާފައިވާ އެހެނިހެން ސަރަހައްދުތައް ދޫކޮށްނުލައި ހިފަހައްޓާފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން