ޚަބަރު
ކުރީ ސަރުކާރުން ބަދަލުގެ ގޮތުގައި އެކިއެކި ތަންތަނަށް 800 މިލިޔަނަށްވުރެ ގިނައިން ދީފައިވޭ

ބަންޑާރަ ނައިބު އަހްމަދު އުޝާމް. ފޮޓޯ:މަޖިލިސް
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 800 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދީފައިވާކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް މިއަދު ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ، ކުރީ ސަރުކާރުގެ ސެޓަލްމަންޓް ކޮމިޓީން އެކި ފަރާތްތަކަށް ރަށްރަށާއި ފަޅުތައް ބަދަލުގެ ގޮތުގައި ދީފައިވާ ކަމަށެވެ. މި ތަންތަނުގެ އަގު މަގުކުރާއިރު 800 މިލިޔަން ރުފިޔާއަށްވުރެ މަތިވާނެކަމަށް ލަފާކުރެވޭ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ސެޓަލްމަންޓް ކޮމިޓީގެ ބޭރުންވެސް އެކިއެކި ފަރާތްތަކަށް ބަދަލުތައް ދެވިފައި އެބަހުރި. މީޑިއޭޝަން މަރުހަލާގައި ދީފައިވާ ބަދަލުތަކާއި ކޯޓުން ބޭރުން ސެޓަލްމަންޓް ކޮމިޓީ އުފެއްދުމުގެ ކުރިން އަދި އެހެން ކޮމިޓީއެއް އުފައްދައިގެންވެސް މިކަހަލަ ކަންކަން ކޮށްފައި އެބަހުރި," ބަންޑާރަނައިބު ވިދާޅުވިއެވެ.
ބަންޑާރަނައިބު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2022 ނޮވެމްބަރު 28 އިން ފެށިގެން ސެޓަލްމަންޓް ކޮމިޓީން މަސައްކަތް ކުރަމުން ގޮސްފައިވަނީ ޤާނޫނީ އޮނިގަނޑެއް އަދި ބާރެއް ނެތިއެވެ. އަދި މި ބަދަލުތައް ދިނުމުގައި ބަންޑާރަނައިބުގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށާއި، މި ކަންކަން ކުރިއަށް ގޮސްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށްކަން ވެސް ފާހަގަކުރެއްވިއެވެ.
ބަންޑާރަނައިބުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2023 ނޮވެމްބަރު 21 ގައި ސެޓަލްމަންޓް ކޮމިޓީ އުވާލައްވާފައެވެ. އަދި މި ސެޓަލްމަންޓް އެއްބަސްވުންތަކުގެ ދަށުން ދޫކުރެވުނު ފަޅުތަކާއި ރަށްތައް މިހާރު ވަނީ ދައުލަތަށް އަނބުރާ ނަގާފައިކަން ބަންޑާރަނައިބު ހާމަކުރެއްވިއެވެ.