ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ށ. މިލަންދުއަށް ވަޑައިގެންފި!

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ށ. މިލަންދުއަށް މިއަދު ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި މިލަންދޫގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ފަށައި، ހުޅުވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިލަންދޫއަށް ވަޑައިގަތުމުން، އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަރަށް ހޫނު މަރުޙަބާއެއް ވަނީ ދަންނަވާފައެވެ. އެ މަނިކުފާނު މިލަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ރައީސްގެ މިދަތުރުފުޅުގެ ތެރެއިން މިލަންދޫގައި ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ފެށުމަށް ވަނީ ރޭވިފައެވެ. އެގޮތުން، އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމާއި، ހޮސްޕިޓަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ އިތުރުން އިސްލާމިކް ސެންޓަރ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން، އެރަށު ފުޓްސަލް ދަނޑާއި، ވޮލީ ކޯޓު ހުޅުވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިލަންދޫ ބިންހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް ރައީސް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން މި ދަތުރުފުޅުގައި، ށ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށަށް އެ މަނިކުފާނު ވަޑައިގަންނަވާނެއެވެ. މި ރަށްތަކުގެ ތެރޭގައި ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫ ހިމެނެއެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.