ކޮލަމް
ލޯމާފާނުގައި ހިޖުރީ ތާރީޚުގެ ބަދަލުގައި ރަސޫލާ ﷺ ސުވަރުގަ ވަޑައިގަތް ދުވަހުން ތާރީޚު ފަށާފައިވަނީ ކީއްވެ؟

ލޯމާފާނު.
ލޯމާފާނުތަކަކީ، ދިވެހިރާއްޖޭގެ ޤަދީމީ ޘަޤާފަތާއި މުސްކުޅި ތާރީޚަށް ނަޡަރު ހިންގާލުމަށް ފުރުޞަތު ފަހިކޮށްދޭ ކުޑަދޮރުތަކެކެވެ. ރަސްރަސްކަލުންގެ އަމުރުފުޅުތަކާއި އެންގެވުންތައް ހިމެނިގެންވާ އެ ލޯ ފޮތިތައް ލިޔެވުނީ، އިސްލާމް ދީނުގެ ރައުނަޤު މި ދިވެހި ފަސްގަނޑަށް ފޯރާން ފެށި ދުވަސްވަރެވެ. އެއީ ދިވެހީންގެ ތާރީޚު މުޅީން އައު މަރުޙަލާއަކަށް ވާޞިލުވި ދުވަސްވަރެކެވެ. ކުރީން ޢަމަލުކުރަމުން އައި ބުދު ދީން ދޫކޮށްލައި، ދިވެހި ޘަޤާފަތުގެ ބައްޓަން އިސްލާމީ ތަނބުތަކެއްގެ މައްޗަށް ބިނާކުރާން ވީ ޖެހިފައެވެ. އިސްލާމް ދީނަކީ އެއިރު ދިވެހީންނަށް އައު ދީނަކަށް ވުމާ އެކު، މި ބަދަލުތައް ގެނައުމަކީ ކުއްލި ކަމަކަށް ނުވިއެވެ މި ގޮތުން، ލޯމާފާނުތައް ކިޔަމުން ދިޔައިރު އަޅުގަނޑުގެ ހިތުގައި އުފެދުނު ސުއާލެއް ތިޔަ ކިޔުންތެރީންނާ ޙިއްޞާކޮށްލާނަމެވެ.
ލޯމާފާނުތަކުގައި އަޅުގަނޑަށް ފާހަގަވި އެއް ކަމަކީ، ތާރީޚު ޖެހުމުގައި ގެންގުޅެފައި ހުރި ނިޡާމެވެ. އިސްދޫ ލޯމާފާނު ލިޔެވުނު އިރު އިސްލާމް ދީން ދިވެހި ރާއްޖޭގެ އެންމެހައި ކަންކޮޅުތަކުގައި އިސްތިޤުރާރުވެފައިނުވާ ކަން އެ ލޯމާފާނުން ހާމަވެއެވެ. ވީމާ، އެ ލޯމާފާނުގައި ތާރީޚުކުރާން ބޭނުންކޮށްފައި އެ ހެރަ ނިޡާމަކީ އަޅުގަނޑަށް ވަރަށް ޢަޖީބު ކަމަކަށް ވިއެވެ. ސަބަބަކީ، މި އިސްލާމީ އުންމަތް ޞަދްރުލްއިސްލާމުއްސުރެ ފެށިގެން ތާރީޚުކުރަމުން މި އަންނަނީ، އަލްފާރޫޤުލްއަޢްޡަމް ސައްޔިދުނާ ޢުމަރުގެފާނުން ޖައްސަވާން ފެއްޓެވި ހިޖުރީ ތާރީޚާ އެއް ގޮތަށެވެ. އެ ތާރީޚު ފެއްޓެނީ ސަލާމާއި ޞަލަވާތް ލެއްވި އިތުރު ރަސޫލުﷲގެފާނުން މައްކަތުލްމުކައްރަމާ ދޫކުރައްވައި، އަލްމަދީނަތުލްމުނައްވަރާއަށް ހިޖުރަކުރެއްވި އަހަރުންނެވެ. އިސްލާމީ މުޖުތަމަޢެއްގެ ބިންގައު އެޅިގެން ދިޔައީ އެ ޙިސާބުން ކަމުގައި ވާތީއެވެ.
މި ޙަޤީޤަތާ އެއް ގޮތަށް، ދިވެހީން ވެސް އެ މީހުން އިސްލާމްވުމަށް ފަހުގައި، މުސްލިމުންގެ ހިޖުރީ ނިޡާމު ބޭނުންކުރާން ފަށާނޭ ކަމީ ނުހަނު ގާތް އަންދާޒާއެކެވެ. ނުވަތަ އެއީ އަޅުގަނޑު ކުރީން ޤަބޫލުކުރަމުން އައި ގޮތެވެ. ނަމަވެސް މިއާ ޚިލާފަށް، އިސްދޫ ލޯމާފާނުގައި ތާރީޚު ޖަހާފައިވަނީ ހިޖުރީ ސަނަތަކުން ނޫނެވެ. އެހެނަސް، ތާރީޚު ބަޔާންކޮށްދިނުމަށް ބޭނުންކޮށްފައިވަނީ ސަލާމާއި ޞަލަވާތް ލެއްވި އިތުރު ރަސޫލުﷲގެފާނުން ސުވަރުގަ ވަޑައިގަތް އަހަރެވެ.
މި ޙިސާބުން އަޅުގަނޑުގެ ހިތުގައި އުފެދުނު ސުއާލަކީ: އިސްލާމް ދީނަށް އަލަށް ވަން ބަޔަކު، އެ ދީނުގެ އަހުލުވެރީން ޢާންމުކޮށް ބޭނުންކުރާ ތާރީޚީ ނިޡާމު ދޫކޮށްލާފައި، މުޅީން އެހެން ނިޡާމެއް ބޭނުންކޮށްފައިވަނީ ކިއެއްވެ ހެއްޔެވެ؟ އެނގިފައިވާ ގޮތުގައި، ސަލާމާއި ޞަލަވާތް ލެއްވި ރަސޫލުﷲގެފާނުން މަދީނާއަށް ހިޖުރަކުރެއްވި އަހަރާއި އެ ކަލޭގެފާނުން މި ދުނިޔެ ދޫކުރައްވާ ސުވަރުގަ ވަޑައިގަތް އަހަރާ ދެމެދު 10 އަހަރުގެ މުއްދަތެއް ވެއެވެ. އެހެން ނޫނަސް، ކީރިތި ރަސޫލުﷲ عليه الصلاة والسلامގެ ތާރީޚެވަފާތަށް ނިސްބަތްކޮށް އެއްވެސް މުސްލިމު ޖަމާޢަކުން ތާރީޚުކޮށްފައިވާ ކަމެއް އެނގިފައެއް ނުވެއެވެ. ވީމާ، މި ކަމުގެ ސަބަބަކީ ކޮބައި ބާވައެވެ؟
މި ސުއާލުގެ ޖަވާބު ގުޅިފައިވަނީ ދިވެހީންގެ ބުދު ދީނުގެ ތާރީޚާއެވެ. މި ސުއާލުގެ ޖަވާބު ކިޔައިދެއްވަމުން، އިސްދޫ ލޯމާފާނު ތަރުޖަމާކުރުމުގައި އެހީވެދެއްވި ސަރަންދީބުގެ ޕްރޮފެސަރެއް ކަމުގައިވާ ވިޖޭވަރްދަނާ ވިދާޅުވީ، މިއީ "ޕަރިނިރްވަނަ"އާ ގުޅިފައިވާ ކަމެއް ކަމަށެވެ. ބުދު ދީނުގެ އިޞްޠިލާޙުގައި "ނިރްވަނަ" އަކީ ދުނިޔޭގެ ހެއްލުންތަކުން ދުރުވެ، ކަންކަމުގެ ޙަޤީޤަތަކަށް ހެއި އެރުމެވެ. "ޕަރި" އަކީ "ފުރިހަމަ"ގެ މަޢުނައިގައި ލަފުޡުތަކުގެ ކުރިއަށް އިތުރުކުރެވޭ ބަހެކެވެ. ވީމާ، "ޕަރިނިރްވަނަ" އަކީ ނިރްވަނައިގެ އެންމެ ފުރިހަމަ ޙާލަތަށް ވާޞިލުވުމެވެ. ތޭރަވާދަ ބުދިސްތުން ޤަބޫލުކުރާ ގޮތުގައި، ބުއްދާ މި މަރުޙަލާއަށް ވާޞިލުވީ، ބުއްދާ ދުނިޔެއާ ވަކިވި ހިނދުގައެވެ. ބުއްދާ ދުނިޔެއާ ވަކިވި ހިނދުގައި އޭނާގެ އެންމެ ފަހު ބަހަކީ: "މުރައްކަބު ކޮންމެ ޖިސްމެއް ނެތި ފަނާވެ ދާނެއެވެ. ހިތްވަރާ އެކު ކުރިއަށް ދާށެވެ."
ކޮންމެއަކަސް، ބުއްދާ އޭނާގެ އެންމެ ފުރިހަމަ ޙާލަތަށް ވާޞިލުވި ވަޤުތު ކަމަށް ތޭރަވާދަ ބުދިސްތުން އިޢުތިޤާދުކުރާ އޭނާގެ މަރުގެ ވަޤުތަކީ، އެ މީހުންގެ ތާރީޚުގެ ފެށުން ކަމުގައި ހެދިއެވެ. ވީމާ، "ބުދިސްތް އެރާ" ނުވަތަ ބުދު ދީނުގެ މީހުންގެ ތާރީޚު ފެށޭ އަހަރަކީ ބުއްދާ ދިނުޔެއިން ވަކިވި އަހަރެވެ. އެއީ ޢީސާގެފާނުން އުފަންވެވަޑައިގަތުމުގެ 543 އަހަރު ކުރި ކަމުގައި ބުނެވެއެވެ. އެ ދުވަހަކީ އަދާ ހަމައަށް ވެސް ބުދު ދީނުގެ މީހުން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.
ޕްރޮފެސަރ ވިޖޭވަރްދަނާގެ މި ހުށަހެޅުއްވުމަކީ ޤަބޫލުކުރާން ފަސޭހަ، ހަމަޖެހޭ ވާހަކައެކެވެ. އޭނާގެ މި ޝަރަޙައިގެ މައްޗަށް ބިނާކޮށް، ދިވެހި ރާއްޖެއަށް އިސްލާމްދީނުގެ ރޯޝަން ވާޞިލުވުމުގެ ކުރީން، ނުވަތަ ދިވެހީން ބުދު ދީނުގައި ހިފަހައްޓައިގެން ތިބި ދުވަސްވަރު، ދިވެހީން "ޕަރިނިރްވަނަ" ތާރީޚީ ނިޡާމު ބޭނުންކޮށްފައިވާ ކަން ޔަޤީނާ ގާތަށް އަންދާޒާކުރެވެއެވެ. އެއަށް ފަހު، ދިވެހީން އިސްލާމް ވުމުން، ކުރީން ބޭނުންކުރަމުން އައި ތާރީޚީ ނިޡާމު އުވައިނުލާންވެގެން، އެ ތާރީޚީ ނިޡާމުގެ ފެށުމެއް ކަމުގައި ބަލަމުން އައި ބުއްދާގެ މަރު، ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލުﷲގެފާނުންގެ ސުވަރުގަ ވަޑައިގަތުމަށް ބަދަލުކޮށްލީއެވެ. އާދެ، ތާރީޚީ ނިޡާމު "މޮޑިފައި" ކޮށްލީއެވެ. ދިވެހީން އިސްލާމްވުމުން، އެ މީހުންގެ ތާރީޚީ ނިޡާމުގެ އަސާސެއް ކަމުގައި ބުއްދާގެ ބަދަލުގައި، ކައު އިތުރު ރަސޫލާ عليه الصلاة والسلام ހެދުން އައުލާ ކަން ބޮޑު ކަމުގައި ދިވެހީންނަށް ވިސްނުނީއެވެ. އެއިރު އަދި އިސްލާމް ދީން މި ދިވެހި ރާއްޖޭގައި ރަނގަޅަށް ނުފެތިރޭތީވެ، ހިޖުރީ ނިޡާމުގެ މަޢުލޫމާތު ރަނގަޅަށް އެނގިފައިނުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އިތުރު ނުކުތާއެއްގެ ގޮތުން އަޅުގަނޑު ހިމަނާލާން ބޭނުންވާ ވާހަކައަކީ، ބުއްދާ މަރުވި ވަޤުތު އޭނާގެ އެންމެ ފުރިހަމަ ޙާލަތަށް ވާޞިލުވި ކަމަށް ބުދިސްތުން ޤަބޫލުކުރާ ކުރުމާ އެއް ފަދަ ކަމެއް އިސްލާމީ ޢިލްމުގައި ވެސް އަޅުގަނޑު ކީ ކިޔުމުގެ ތެރެއިން ފެނިފައިވާ ކަމެވެ.
މި ގޮތުން، ސަލާމާއި ޞަލަވާތް ލެއްވި އިތުރު ރަސޫލުﷲގެފާނުން ސުވަރުގަ ވަޑައިގަތީ އެކަލޭގެފާނުންގެ އެންމެ ފުރިހަމަ ޙާލުކޮޅުގައި ކަން މުސްލިމު ޢިލްމުވެރީން ލިޔުއްވާފައިވެއެވެ. ޝައިޚުލްއިސްލާމް އިބްރާހީމް އަލްބާޖޫރީ ލިޔުއްވާފައިވާ ގޮތުގައި، ކީރިތި ރަސޫލާ صلى الله عليه وسلم ކޮންމެ ހިނދުކޮޅެއްގައި ވެސް އިހަށް ވުރެ ފުރިހަމަވެވަޑައިގަންނަވަމުން ގެންދެވިއެވެ. ސޫރަތުލްޟުޙާގައި އެ ވާ ވަޙީ ބަސްފުޅު وَلَلْآخِرَةُ خَيْرٌ لَكَ مِنَ الْأُولَى ("ހަމަ ކަށަވަރުން، ފަހުން އަންނާނޭ ކަންތައް ކަލޭގެފާނަށް ކުރީން އައި ކަންތަކަށް ވުރެ ހެޔޮކަން ބޮޑުވާނޭ ކަން ކަށަވަރެވެ") މި އާޔަތް ތަފްސީރު ކުރެއްވުމުގައި ބައެއް ދަންނަ ބޭކަލުން ވިދާޅުވަފައި ވެއެވެ: "ކުރީން އައި ހިނދުކޮޅަށް ވުރެ ފަހުން އަންނަ ކޮންމެ ހިނދުކޮޅެއް ކަލޭގެފާނަށް ހެޔޮކަން ބޮޑުވެގެން ވެއެވެ."
ކީރިތި ރަސޫލުﷲ صلى الله عليه وسلمގެ މާތްކަން ސުވަރުގަ ވަޑައިގަތުމަށް ފަހު ވެސް މާތް ﷲ ތަކުރާރުކޮށް އިތުރުކުރައްވާ ކަމަށް އިޝާރާތް ކުރައްވާ، ޤުޠްބުލްއައުލިޔާ އަލްއިމާމް އައްނަވަނީ އެ ކަލޭގެފާނުންގެ މިންހާޖުގެ މުޤައްދިމާގައި ލިޔުއްވާފައި ވެއެވެ: وزاده فضلا وشرفا لديه. މަޢުނައީ: "އަދި އެ ކަލާނގެ ޙަޟުރަތުގައި އެ ކަލޭގެފާނުގެ މާތްކަމާއި ޝަރަފު އިތުރުކުރައްވާނދޭވެ."
ވީމާ، ކީރިތި ރަސޫލާ صلى الله عليه وسلمގެ އެންމެ ފަހު ހިނދުކޮޅަކީ އެ ކަލޭގެފާނުންގެ ޙަޔާތްޕުޅުގެ އެންމެ ފުރިހަމަ ހިނދުކޮޅު ކަން އިސްލާމީ ޢިލްމުވެރީންގެ ލިޔުއްވުންތަކުން ދޭހަވެއެވެ. ނަމަވެސް، ބުދު ދީނާއި އިސްލާމް ދީނުގައި މި ކަމުގައި ވާ ތަފާތަކީ: ބުއްދާ ދުނިޔެއިން ވަކިވުމަކީ ހިތާމަވެރި ކަމެއް ކަމަށް ބުދު ދީނުގެ މީހުން ނުދެކެއެވެ. ނަމަވެސް، ސައްޔިދުނާ ރަސޫލުﷲ صلى الله عليه وسلم ސުވަރުގަ ވަޑައިގަތުމަކީ މި އުންމަތައް ކުރިމަތިވި އެންމެ ބޮޑު ހިތާމަ ކަމުގައި މުސްލިމުން ޤަބޫލުކުރަމުއެވެ. ވީމާ، އެ ކަލޭގެފާނުންގެ އަވަހާރަ-ތާރީޚަށް ނިސްބަތްކޮށް އަޅުގަނޑުމެން ތާރީޚު ނުޖަހަމެވެ. އެހެނަސް، ހިޖުރައަށް ނިސްވަތްކޮށް ތާރީޚު ޖަހަމުއެވެ.
ސައްޔިދުނާ އަނަސްގެފާނުން ވިދާޅުވެފައިވެއެވެ: "ރަސޫލުﷲ صلى الله عليه وسلم ސުވަރުގަ ވަޑައިގަތް ދުވަހު، މަދީނާގެ ހުރިހައި އެއްޗަކަށް އަނދިރިކަން ގެނުވިއެވެ." (އައްތިރްމިޛީ 3618)
-ބަހަވީ ނުކުތާއެއް:
"ސުވަރުގެ" ނުވަތަ "ސުވަރުގަ" ނެގިފައިވާ އަޞްލަކީ ސަންސްކްރިތް "ސްވަރްގަ" އެވެ. އަދި "ނަރަކަ"އަށް ސަންސްކްރިތް ބަހުން ކިޔަނީ ހަމަ "ނަރަކަ"އެވެ. މިއީ ބުދު ދީނުގައި ވެސް، އަދި ހިންދޫ ދީނުގައި ވެސް ސުވަރުގަ އަދި ނަރަކައަށް ބޭނުންކުރާ ނަންނަމެވެ. ވީމާ، މިއީ ދިވެހީން އެންމެ ކުރީއްސުރެ ވެސް ބޭނުންކުރަމުން އައި ދެ ލަފުޡު ކަމުގައި ބެލެވެއެވެ. ޢަރަބި ބަހުގައި އަދި އިސްލާމީ ނައްޞުތަކުގައި ސުވަރުގަ އަދި ނަރަކައަށް ބޭނުންކުރާ ޢާންމު ނަމަކީ الجنة އަދި النار އެވެ. ނަމަވެސް މި ދެ ނަމުގެ ބަދަލުގައި، ދިވެހީން ޢާންމުކޮށް ބޭނުންކުރަމުން އަންނަނީ ސަންސްކްރިތުން އުފެދިގައިވާ އަޞްލު ދިވެހި ދެ ބަހެވެ.