ދުނިޔެ
ވަޞީލަތްތަކުގެ މަދު ކަމާއެކުވެސް، ޣައްޒާގެ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން 250 ޝަހީދުންގެ ހަށިތައް ނަގައިފި

ޣައްޒާ
މީހުން ސަލާމަތްކުރުމާއި މީހުން ހޯދުމަށް ބޭނުންކުރާ ވަޞީލަތްތަކުގެ މަދުކަމާއެކުވެސް، ޣައްޒާގެ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން 250 ޝަހީދުންގެ ހަށިތައް ނަގައިފިއެވެ.
ޣައްޒާގެ ސިވިލް ޑިފެންސްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، އިސްރާއިލްގެ ޤަތުލްއާންމުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ތެރެއިން 250 އަށްވުރެ ގިނަ ޝަހީދުންގެ ހަށިތައް ވަނީ ނަގާފައެވެ. ނަމަވެސް އަދިވެސް 10،000 އަށްވުރެ ގިނަ މީހުން ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ކަމަށް ރިޕޯޓުކުރެވިފައިވެއެވެ.
ޣައްޒާ ސިވިލް ޑިފެންސްގެ ޚަބަރު ފަތުރާ ފަރާތް، މަޙްމޫދު ބަސަލް ވިދާޅުވި ގޮތުގައި، ހަނގުރާމަ ހުއްޓުނު ފަހުން 250 އަށްވުރެ ގިނަ ހަށިތައް ވަނީ ނަގާފައެވެ. އޭގެ ތެރޭގައި މަގުމަތީގައި ވަޅުޖެހިފައިވާ ހަށިތަކެއްވެސް ހިމެނެއެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލަމުން މިދަނީ. ސަބަބަކީ ވެއްޓިފައިވާ އިމާރާތްތައް ނެގުމަށް ބޭނުންވާ ބަރު އިކުއިޕްމަންޓްތައް ނެތުން. 10،000 އަށްވުރެ ގިނަ މީހުން އަދިވެސް ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތިބިއިރު، އެމީހުންނާ ހަމައަށް ވާސިލުވުމުގެ ވަސީލަތްތައް އަޅުގަނޑުމެންގެ އަތުގައި ނެތް،" އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ހަނގުރާމައިގެ ސަބަބުން ބާކީވެފައިވާ ގޮވާ ތަކެއްޗާއި ހަތިޔާރުތަކުގެ ސަބަބުން މީހުންގެ ފުރާނައަށް ނުރައްކާވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އދ. އިން އަންދާޒާކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރުގައި ފެށުނު ހަނގުރާމައިގެ ފަހުން، ޣައްޒާގެ އިމާރާތްތަކުގެ 92 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ވެއްޓިފައެވެ. އަދި އެތައް ސަތޭކަ ހާހުން ގުނޭވަރަށް ފަލަސްޠީނު ރައްޔިތުން މިހާރު ދިރިއުޅެމުންދަނީ ޓެންޓުތަކާއި ވަގުތީ ހިޔާވަހިކަމުގެ ދަށުގައެވެ.
މި ޤަތުލްއާންމުގައި މިހާތަނަށް 67،800 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާއިރު، އޭގެ ގިނަ އަދަދެއް އަންހެނުންނާއި ކުޑަކުދިންކަން ފާހަގަކުރެވެއެވެ.